ޒާތީ މައުލޫމާތު ރައްކާތެރިކުރަން ގާނޫނެއް ހެދުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ވަރަށް ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ ”ޑޭޓާ ޕްރޮޓެކްޝަން“ ނުވަތަ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް އެ އޮފީހުން ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް ދެތިން ދުވަހެއްގެ ތެރޭގައި މަޖިލީހަށް އެ ބިލް ހުށަހަޅާނެ އެވެ.
އެ ބިލްގެ މަގުސަދަކީ ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ މަގުސަދުގައި ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި މައުލޫމާތު އެއްކުރުމާއި ޕްރޮސެސް ކުރުމާއި ބޭނުން ކުރުމުގެ ނިޒާމެއް ގާއިމް ކުރުމެވެ.
އަދި ޒާތީ މައުލޫމާތު އެއްކޮށް ޕްރޮސެސް ކުރާ މީހުންގެ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓް ކުރާ އުސޫލުތައް ބަޔާން ކުރުމަކީ ވެސް ބިލުގެ މަގުސަދެއް ކަމަށް އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވި ގޮތުގައި އެ ބިލުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުންދާތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. ބިލު ފަރުމާކޮށްފައިވަނީ އުޝާމް ވިދާޅުވި ގޮތުގައި ބޭރުގެ އެކި ފަރާތްތަކުގެ ފަންނީ އެހީތެރިކަމާ އެކު އެވެ.
އޭގެއިތުރުން ”މޯލްޑިވްސް 2.0″ގެ ދަށުން ހިންގާ ޑިޖިޓަލައިޒޭޝަންގެ ތެރެއިން އިތުރު ތިން ބިލެއް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.




