ދައުލަތުގެ ނިޒާމުތައް ހަރުދަނާކޮށް އައު ޤާނޫނުތަކެއް ވުޖޫދުކުރުމުގެ ބޭނުމުގައި، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރާއި ދެވަނަ ދައުރުގެ ތެރޭގައި ޖުމްލަ 12 ބިލެއް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރޭގައި އެންމެ އިސްކަމެއް ދީފައިވަނީ ޑިޖިޓަލް ދާއިރާއާއި މައުލޫމާތު ރައްކާތެރިކުރުމަށް ކަމަށެވެ. މިގޮތުން، އާންމުންގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށްދޭނެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ޚާއްޞަ ބިލެއް ހުށަހަޅުއްވާނެކަން އޭޖީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ”މޯލްޑިވްސް 2.0“ ތަސައްވުރުގެ ދަށުން ސައިބަރ ސެކިއުރިޓީއާއި، ޑިޖިޓަލް އައިޑެންޓިޓީ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަނާ ގުޅޭ ތިން ބިލެއްވެސް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބިލުތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އިންޓަނެޓްގެ ވެށި އަމާންކޮށް، ދާޚިލީ އަދި ބޭރުގެ ސައިބަރ ނުރައްކާތަކުން ޤައުމު ސަލާމަތްކުރުން ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
މީގެ އިތުރުން، ޒަމާނާ ނުގުޅޭ ގޮތަށް އޮތް އިމިގްރޭޝަން ޤާނޫނާއި ފަޅުރަށްރަށާ ބެހޭ ޤާނޫނު އުވާލައި، މުޅިން އައު ދެ ޤާނޫނެއް އެކުލަވާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ތަޢުލީމުގެ ޤާނޫނަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނައުމަށްވެސް ވަނީ ތައްޔާރުވެފައެވެ. އޭޖީ އުޝާމް އިތުރަށް ވިދާޅުވި ގޮތުގައި، ޤާނޫނުއަސާސީއަށް ދާދިފަހުން ގެނެވުނު އެންޓި-ޑިފެކްޝަން އުސޫލުތަކާ ގުޅިގެން، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށްވެސް ބަދަލުތަކެއް ގެންނާނެއެވެ. މި ބަދަލުތަކުގެ ސަބަބުން ޕާޓީތަކުން މެންބަރުން ވަކިކުރުމުގެ ކަންކަން ވަކި ހަމަތަކެއްގެ މަތިން ތަރުތީބުކުރެވޭނެއެވެ.
މަޖިލީހަށް ދެން ފޮނުވަން ނިންމާފައިވާ ބިލުތަކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ ބިލަކާއި، މަރުގެ އަދަބު ތަންފީޒުކުރުމަށް މަގުފަހިކުރާ ޚާއްޞަ ބިލެއް ހިމެނެއެވެ. ހަމައެއާއެކު، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި، މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން ޤާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުންވެސް މީގެ ތެރޭގައި ހިމެނޭކަމަށް ބަންޑާރަނައިބު ހާމަކުރެއްވިއެވެ.



