މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކަރަންޓު އުފެއްދުމަށް ހިނގާ ހަރަދު ބޮޑުވުމުގެ ސަބަބުން، މާދަމާ އިން ފެށިގެން ސްރީ ލަންކާގެ ކަރަންޓު އަގުތައް %18 އާ ހަމައަށް ބޮޑުކުރުމަށް އެ ގައުމުން ނިންމައިފިއެވެ.
ލަންކާގެ ޕަބްލިކް ޔޫޓިލިޓީސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މަހަކު 180 ޔުނިޓަށް ވުރެ ގިނައިން ކަރަންޓު ބޭނުންކުރާ ފަރާތްތަކުގެ ބިލަށް މި ބަދަލުގެ އަސަރު ކުރާނެ އެވެ. މީގެ ތެރޭގައި ސިނާއީ މަސައްކަތްތަކާއި ހޮޓާތަކާއި ވިޔަފާރިތަކާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަޅުކަންކުރާ ތަންތަން ހިމެނެއެވެ.
ނަމަވެސް، މަހަކު 180 ޔުނިޓަށް ވުރެ މަދުން ކަރަންޓު ބޭނުންކުރާ އާންމު ގޭބިސީތަކުގެ ބިލަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
މިދިޔަ މަހު ވެސް ލަންކާ އިން ވަނީ ކަރަންޓުގެ އަގު %40 ބޮޑުކޮށްފަ އެވެ. މީގެ އިތުރުން، ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން ތެޔޮ ސަޕްލައި ކުރުމަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން، ތެލުގެ އަގު ވެސް ވަނީ %35އަށް ވުރެ ބޮޑުވެފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަކަތައިގެ އަގު ބޮޑުވުމުގެ ސަބަބުން މިދިޔަ މަހު އިންފްލޭޝަން ރޭޓް ވަނީ %5.4އަށް އުފުލިފަ އެވެ. މިއީ ކުރީގެ މިންވަރަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ.




