ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މިއަދު ހަވީރު ކޮޅިގަނޑެއް އައެވެ. އެ ކޮޅިގަނޑު އައި ވަގުތު ދިމާވީ އއ ތޮއްޑޫގައި ކުދިންތަކެއް މޫދަށް އެރި ތިބި ވަގުތާ އެވެ. ކޮޅިގަނޑުގައި މޫސުން ގޯސްވެ، އެކުދިންނަށް އެއްގަމަށް އަރަން މަސައްކަތް ކުރިނަމަވެސް އޮއިގަދަކަމުންނާއި ވައިގަދަކަމުން އެކުދިންނަށް އަމިއްލައަށް އެއްގަމަށް ނޭރުނެވެ. މި މަންޒަރު އެވަގުތު އެސަރަަހައްދުގައި ތިބި ސްޓެލްކޯގެ މުވައްޒަފުންތަަކަކަށް ފެނުމުން، އެކުދިން ސަލާމަތް ކުރަން އެމީހުން އަވަސްވެގަތެވެ. އަދި އެ ހިތްވަރުގަދަ މުވައްޒަފުން ވަނީ ސަލާމަތުން އެކުދިން އެއްގަމަށް ގެނައުމަށް ހަރަކާތްތެރިވެފަ އެވެ. މިއީ ހަމަގައިމުވެސް އެ މުވައްޒަފުންނަށް ސާބަސްދޭން ހައްގު އަމަލެކެވެ. މިއީ، އިންސާނިއްޔަތުކަމުގެ ރީތި ނަމޫނާއެކެވެ.
ތޮއްޑޫއަށް ގަދައަށް ވައިޖެހޭނެކަމަށް ލަފާކޮށް މިއަދު އެއްކޮށް އެރަށްއޮތީ ޔެލޯ އެލާޓުގައެވެ. އެރަށަށް މިއަދު ވަރަށް މޫސުން ގޯހެވެ. ކޮޅިގަނޑުގައި އައި ގަދަވަޔާއި އެރަށުގެ ބައެއް ގަސްތައް ވެއްޓުނެވެ. މީގެތެރެއިން ބައެއް ގަސްގަހުގެ ބައިތައް ވެއްޓުނީ ގޭގެ ފުރާޅުމައްޗަށެވެ. ގޭގޭގެ ފުރާޅަށް ގަސް ވެއްޓުމާއި ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށްވެސް ސްޓެލްކޯގެ ހީވާގި މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސްޓެލްކޯއިން ވަނީ އެކުންފުނީގެ މުވައްޒަފުން އިންސާނިއްޔަތަށްޓަކައި އެކުރި މަސައްކަތް ފާހަގަކޮށް ހިތްވަރު ދީފަ އެވެ،
”ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި މިކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމިތިބޭނީ ހިތްވަރާއި ކެރުމާއިއެކު އެންމެ އިސް ސަފުގައި، އިޚްލާސްތެރިކަމާއިއެކު ރައްޔިތުންގެ ޚިދުމަތުގައި.“ ސްޓެލްކޯއިން ބުނެފައި ވެއެވެ.




