ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާތީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
އެމްއޭސީއެލް އިން ބުނީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖް އެލާޓް ނެރެފައިވާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ދަތުރުކުރާ ފަސިންޖަރުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިހާރު ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖް އެލާޓް ނެރެފައެވެ. އެގޮތުން ބ އަތޮޅުން ފެށިގެން ވ އަތޮޅަށާއި ހަމަޔަށް އޮތީ އޮރެންޖް އެލާޓުގަ އެވެ. މިއަދު އެންމެ ފުރަތަމަ މި 6 އަތޮޅަށް އޮރެންޖް އެލާޓް ނެރުނީ، ހެނދުނު 06:00 ޖެހި އިރު އެވެ. އެލާޓް ނެރުނީ މި އަތޮޅުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްނެވެ. އަދި ކަނޑުަތައް ވަރަށް ގަދަވާނެކަމަށްވެސް އެލާޓުގައި ބުނެފައި ވެއެވެ.
ހެނދުނު މި ސަރަހައްދަށް ނެރުނު އޮރެންޖް އެލާޓްގެ ވަގުތު 09:00 ޖަހާއިރަށް ހަމަވުމާއެކު މިހާރު ވަނީ މެންދުރު 12:00 ޖެހުމާއަ ހަމަޔަށް އޮރެންޖް އެލާޓް ދަންމާލާފަ އެވެ. އެލާޓް ގެ ވަގުތު ދަންމާލާފައިވަނީ އެސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްނެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހއ އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމަޔަށް ކުރިން ނެރެފައިވާ ރީނދޫ އެލާޓްވެސް ދަންމާލާފައެވެ. މެންދުރު 12:30 އާ ހަމަޔަށް އެއަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްނެވެ. މެޓް އޮފީހުން ބުނީ އެލާޓް ނެރެފައިވާ ވަގުތުތަކުގައި އެއަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި، ކަނޑުަތައް ވަރަށް ގަދަވާނެކަމަށްވެސް އެލާޓުގައި ބުނެފައި ވެއެވެ.
ކުރިޔަށް އޮތް ދެދުވަހުސް އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ، އެންމެހައި ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުަރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.



