ރާއްޖެ ވެސް ހިމެނޭހެން ދުނިޔޭގެ 93 ގައުމަކުން ތައިލެންޑަށް ވިސާއާ ނުލައި ދަތުރުކުރާ ފަތުރުވެރިންނަށް އެ ގައުމުގައި ތިބެވޭ މުއްދަތު 60 ދުވަހުން 30 ދުވަހަށް ކުރުކުރުމަށް ތައިލެންޑް ސަރުކާރުން ނިންމައިފިއެވެ.
އެ ޤައުމުގެ ފޮރިން މިނިސްޓަރު ސިހަސަކް ޕުއަންކެޓްކާއޯ މިކަން އިއުލާނު ކުރައްވާ މިދިޔަ އަންގާރަ ދުވަހު ވިދާޅުވީ، ތައިލެންޑު ސަރުކާރުން މި ބަދަލު ގެންނަން ނިންމީ ކުށްކުރުން ހުއްޓުވުމަށާއި ވިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ފަރާތްތައް މަދުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ.
މި ހުށަހެޅުން ފާސްކުރުމަށްޓަކައި އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަރަށް އަވަހަށް ކެބިނެޓަށް ހުށަހަޅާނެ ކަމަށް ވެސް ސިހަސަކް ވިދާޅުވިއެވެ. ނަމަވެސް، މި ބަދަލަށް އަމަލުކުރަން ފަށާނެ ސީދާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ތައިލެންޑުގެ ފަތުރުވެރިކަން އަލުން ކުރިއެރުވުމަށްޓަކައި، ރާއްޖެ ހިމެނޭހެން 93 ގައުމަކަށް 60 ދުވަހުގެ ވިސާ-ފްރީ އުސޫލު ތައާރަފްކުރީ ޖުލައި 2024ގަ އެވެ. ނަމަވެސް، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ބުނަމުންދަނީ، މިގޮތަށް ދިން ދިގު މުއްދަތުގެ ބޭނުން ހިފައިގެން ބައެއް ފަތުރުވެރިން ގާނޫނާ ހިލާފު އަމަލުތައް ހިންގުމާއި ވިސާގެ އިނާޔަތްތަކުގެ ނަހަމަ ބޭނުން ހިފަމުންދާ ކަމަށެވެ.
ފޮރިން މިނިސްޓަރު ސިހަސަކް ވިދާޅުވި ގޮތުގައި، އެހެނިހެން ބާވަތްތަކުގެ ވިސާތަކުގައި އެތެރެވާ ފަރާތްތަކުން ވެސް ވިސާގެ ބޭނުން ކުރަނީ ކަނޑައެޅިފައިވާ މަގްސަދުގައިތޯ ބެލުމަށްޓަކައި ކުރާ ޗެކްކުރުންތައް ކަމާބެހޭ އިދާރާތަކުން ވަރުގަދަކުރާނެއެވެ.



