ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ހައިވޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޕިކަޕެއްގެ ދަށުވެ، ނިޔާވެފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ރައްޔިތެއް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 10:12 ހާއިރު ކަމުގައި ފުލުހުން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެންނެވެ.
މި ހިތާމަވެރި އެކްސިޑެންޓުގައި އަނިޔާވެގެން ނިޔާވެފައިވަނީ އުމުރުން 50 އަހަރުގެ އިންޑިއާ ފިރިހެނެއްކަން ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.
މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އެކްސިޑެންޓު ހިނގިއިރު، އެ ޕިކަޕު ދަތުރުކުރީ ސައިކަލު ލޭނުން ބާރު ސްޕީޑުގައެވެ.
މާލެ ސަރަހައްދުގައާއި ބްރިޖު ސަރަހައްދުގައި ވެސް ބައެއް ބަރު އުޅަނދުތައް، އަނެކުންނާއި ތިމާގެ ފުރާނައަށް ނުރައްކާވާފަދަ ބާރު ސްޕީޑުގައި ދުއްވާކަމުގެ ޝަކުވާ ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.




