މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ޙާއްސަ ގޮތެއްގައި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އާއްމުގޮތެއްގައި ވައިބާރުވެ ކަނޑުތައްގަދަވެ ވިއްސާރަކުރާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ދަތުރުކުރާނަމަ، އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށްފަހުގައި ނޫނީ ދަތުރު ނުކުރުމަށާއި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕުފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށެވެ.
މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވެސް ސިފައިން އިލްތިމާސްކުރިއެވެ. އަދި ރޭގަނޑު ދަތުރު ކުރާނަމަ، އިތުރަށް ސަމާލުވުމަށް ވެސް އިލްތިމާސްކުރިއެވެ.
މީގެއިތުރުން ޑައިވިންގ އަދި ވޯޓަރ ސްޕޯރޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށްވެސް އިލްތިމާސްކުރިއެވެ.




