ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދާއިރާއަށް ބަދަލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲ ހުށަހެޅުއްވި މި ބިލު ފާސްވީ މަޖިލީހުގެ 59 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
މި ގެނެވުނު ބަދަލާއެކު، އެލްޖީއޭގެ އިދާރީ ހިންގުން ހަރުދަނާކުރުމުގެ މަޤްޞަދުގައި އެތަނުގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި މިވަނީ ކަނޑައެޅިފައެވެ.
މީގެ ކުރިން އެލްޖީއޭގެ ބޯޑަށް އޮތް މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު މިހާރު ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް ބަދަލުކުރެވިފައެވެ. ނަމަވެސް، ކޮމިޓީ މަރުހަލާގައި ގެނައި ބަދަލާއެކު، މުވައްޒަފުންނާ ގުޅޭ ނިންމުންތައް ނިންމުމުގައި އޮތޯރިޓީގެ ލަފާ ހޯދަންޖެހޭނެއެވެ. މީގެ އިތުރުން، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެން ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.
މި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކަށްވެސް މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، ރަށްރަށާއި ސިޓީތަކުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދިނުމަކީ ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތެއްގެ ގޮތުގައި މިހާރު ވަނީ ލާޒިމުކޮށްފައެވެ. މިއީ ރަށްރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ކައުންސިލްތަކަށް ދައުލަތުން ދޫކުރާ ފައިސާއާ ގުޅޭގޮތުންވެސް ވަނީ ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން، ކަރަންޓާއި، ފެނާއި، ނަރުދަމާ އަދި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ 6 މަސްދުވަހަށްވުރެ ގިނަ ދުވަހު ނުދައްކާ ހުރިނަމަ، ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓް ނުވަތަ އާމްދަނީން އެ ފައިސާ އުނިކުރުމުގެ އިޚުތިޔާރު ދައުލަތަށް ލިބިގެންވެއެވެ.
މި އިސްލާހުގެ މައިގަނޑު މަޤްޞަދަކީ އެލްޖީއޭގެ ހިންގުން ސިވިލް ސަރވިސްގެ އޮނިގަނޑުގެ ތެރެއަށް ފެއްތުމާއި، ކައުންސިލްތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، މާލީ ގޮތުންނާއި އިދާރީ ގޮތުން ކައުންސިލްތައް އިތުރަށް ޒިންމާދާރުކުރުވުމެވެ.



