ގާނޫނާ ހިލާފު ނުވާ ހިނދަކު ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލު ކޮށްގެން އެއްވެސް މީހަކަށް އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ދެއްވި ޖަވާބުގައި މުންދު ވިދާޅުވީ ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ކޯޓަކުން ނެރޭ އަމުރަކަށް ”ސައްތައިން ސައްތަ ތިމަން މަނިކުފާނު އިހުތިރާމު ކުރައްވާނަމޭ،“ ކަމަށެވެ. އަދި ވަލީއުލްއަމުރުގެ ހައިސިއްޔަތުން ގާނޫނަށް ތަބާވާން ރައީސް ހުރިހާ ރައްޔިތުންނަށް އަބަދުވެސް ނަސޭހަތްތެރިވެވަޑައިގަންނަވާނެ ކަމަށް، މިއަދުގެ ”ޕްރެސަރ ވިތު ދަ ސްޕޮކްސް“ ޕްރޮގްރާމުގައި މުންދު ވިދާޅުވިއެވެ.
ނޫސްވެރިޔަކު އެ ސުވާލުކުރީ ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވެގެން ކަމަށް ކަނޑައަޅައި ”އަދަދު“ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައި ވާތީއެވެ.
މުންދު ވިދާޅުވީ ތިން ބާރު ވަކިވެފައި އޮންނަ ގައުމެއްގައި، ޝަރުއީ ދާއިރާގެ ބާރު ކެނޑޭ ގޮތަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އެ ބާރުތަކަށް އޮންނަ ގާނޫނީ ބާރުތައް ކުޑަވާނެ ގޮތަށް ކަމެއް ހިނގަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
”ރައީސުލްޖުމްހޫރިއްޔާއާ ސުވާލެއް ކޮށްގެން ސަރުކާރަށް ފާޑުވިދާޅުވެގެން ރައީސުލްޖުމްހޫރިއްޔާ އަށް ސުވާލު ކުރެއްވުމަށް ތިބޭފުޅުން ގެންގުޅުއްވާ އަޑުފުޅުން ނުވަތަ އަޑަށް ލާ ބާރަކުން ގާނޫނަކާ ވެސް ހިލާފެއް ނުވާނެ. ގާނޫނަކާ ހިލާފު ނުވާ ކަމަށް ވަންޏާ، ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ގޮތަށް އެއްވެސް މުއައްސަސާއަކުން އެއްވެސް ފިޔަވަޅެއް ނާޅާނެ،“ މުންދު ވިދާޅުވި އެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ހުރިހާ ފަންނެއްގެ ބޭފުޅުންނަށް ވެސް އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ފަންނެއްގެ ތެރޭގައި، އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ހައްގެއްގެ ތެރޭގައި އިހުތިޔާރުތަކާއި ބާރުތަކާއި ޒިންމާތައް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.




1 Comment
ކޮން ޤާނޫނަކުންތޯ ރައީސްއަށް ބާރު ލިބިފަ އޮތީ މީހަކު ހުރީ ޤާނޫނަކާ ޚިލާފުވެގެންކަން ކަނޑައަޅަން؟