ބޭންކް އޮފް މޮލްޑިވްސް އިން ”ޗާޓަރޑް ބޭންކަރ ޕްރޮގްރާމް“ އެއް އޭއައިސީބީއާ ގުޅިގެން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމަކީ ބޭންކް އޮފް މޯލްޑިވްސްގައި ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ ފަންނީ މުވައްޒަފުން އިތުރުކުރުމުގެ މަގުސަދުގައި، ފަށާފައިވާ ޕްރޮގްރާމެއް ކަމަށެވެ.
މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ބޭންކަރުން ބިނާކުރުމަށްޓަކައި، ޗާޓަރޑް ބޭންކިންގ ކޮލިފިކޭޝަންތަކާއި ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް ޖަނަވަރީ 2026 ގައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް (އޭއައިސީބީ) އާ އެކު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ބީއެމްއިލް އިން ފާހަގަކުރިއެވެ.
ބީއެމްއެލް އިން ހާމަކުރިގޮތުގައި މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބޭންކް އޮފް މޯލްޑިވްސްގެ 30 މުވައްޒަފުން ބައިވެރިވެފައިވާއިރު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މުވައްޒަފުން ކޯސް ފުރިހަމަކުރާނެ އެވެ.


