ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް މުރަކަ އިންދުމުގެ ހަރަކާތް ކުޑަގިރި ފަޅުގައި އޮންނަ ”ދޫނިޔާ ރެކް“ ސަރަހައްދުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މިއީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)، ހައުސިންް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ހިންގާ ހަރަކާތެކެވެ.
މި ހަރަކާތް ކުރިއަށްގެންދިޔައީ ރާއްޖޭގައި ކުރިއަށްދާ އޭޝިއާ މީޑިއާ ސަމިޓްގެ ބައިވެރިންނާ އެކުގައެވެ.
ދައުލަތުގެ މީޑިއާއިން ބޭއްވި ”އޭޝިއާ މީޑިއާ ސަމިޓް“ގެ ބައިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި 40 ގައުމަކުން 300 އެއްހާ ބައިނަލްއަގުވާމީ މީޑިއާ މަންދޫބުން ވަނީ ބައިވެރިވެފައެވެ.
”ދޫނިޔާ ރެކް“ މަޝްރޫއަކީ ވީއެމްސީއާއި އެޗްޑީސީ ގުޅިގެން ހިންގާ ’ރީޖެނެރޭޓިވް ޓޫރިޒަމް‘ އިސްނެގުމެކެވެ. މިދިޔަ އަހަރު ފެށި މި މަޝްރޫއުގެ ދަށުން، ކަނޑުގެ އަޑީގައި އޮތް ދެ މަތިންދާބޯޓު ވަނީ މަސްނޫއީ ފަރެއްގެ ގޮތުގައި އަލާކޮށް، ދިގު މުއްދަތަކަށް ކުރިއަށްގެންދާ މުރަކަ އިންދުމުގެ ނިޒާމަކާ އެކު ތަރައްގީކޮށްފައެވެ.



