ވ.އަތޮޅުގައި ދަތުރުކުރަމުންދިޔަ ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަނިކޮށް، އެ އެންމެން ނިޔާވެފައި އޮއްވައި ފެނިފައިވާކަމަށް ފުލުހުންނަށް މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މީގެކުރިން ވިދާޅުވީ، ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މެއި 14 ވީ ބުދަ ދުވަހުގެ މެންދުރުފަހު 13:45 ހާއިރު ކަމަށެވެ.
އެއީ އިޓަލީއަށް ނިސްބަތްވާ ފަސް ފަތުރުވެރިން ކަމަށް ވެސް ވިދާޅުވިއެވެ.
މި މައުލޫމާތު ލިބުމާއެކު އެމީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ.
އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުންވެސް މިހާރު ފެނިފައިވާ ކަމަށާއި، ނަމަވެސް ފެނުނުއިރު އެ އެންމެންވެސް ވަނީ ނިޔާވެފައި ކަމަށް ފުލުހުން އެއިރު މައުލޫމާތު ދެއްވިއެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ނަމަވެސް މީގެ އިރުކޮޅެއް ކުރިން އެ ކުށުގެ އިސްލާހުކުރައްވަމުން ފުލުހުން ވިދާޅުވީ، މި ހާދިސާގައި ގެއްލިފައިވާ އެންމެން ފެނިފައިވާކަމަށް ބުނެވިފައިވަނީ ހޯދުމުގެ މަސައްކަތް ކުރުމުން ދިޔަ މީހުންނަށް އެރި އޮޅުމަކުންން ކަމަށެވެ.
އަދި މި ހާދިސާއާ ގުޅިގެން ގެއްލުނު ފަސް މީހުންގެ ތެރެއިން ފެނިފައިވަނީ އެކަކު ކަމަށާއި އެހެންމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފެނުނު މީހާ ދިރިހުރިކަމެއް ނުވަތަ ނިޔާވެފައިވާ ކަމެއް ފުލުހުން އަދިއެއް ވިދާޅެއް ނުވެއެވެ.




