އިޒްރޭލުގެ ޔަހޫދީ ސިފައިން، މަސްޖިދުލް އަލްއަޤްޞާގެ ހަރަމްފުޅަށް ވަދެގަތުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނަމާދުކުރަންދާ މީހުންނަށް ހުރަސްއެޅުމާއެކު ހިންގާ މިފަދަ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ފާޅުގައި ޚިލާފު، އަދި އަލްއަޤްޞާ މިސްކިތުގެ މުޤައްދަސްކަމާއި، ޤާނޫނީ ހައިސިއްޔަތާއި، އެ މިސްކިތާ ގުޅިފައިވާ ތާރީޚީ އަދި ދީނީ މުހިންމުކަން ނައްތާލުމަށް ގަސްތުގައި ހިންގާ އުދުވާނީ އަމަލުތަކެއްކަމަށެވެ.
އެގޮތުން އިންސާނީ ޙައްޤުތަކާ ޚިލާފަށް އިސްރާއީލުން މެދުނުކެނޑި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ ”ސްޓޭޓަސް ކޯ“ ނުވަތަ އޮންނަންޖެހޭ އަސްލު ހާލަތު އޮޅުވާލުމަށް ކުރާ މަސައްކަތްތަކަށް އެ ޤައުމު ޒިންމާދާރުކުރުވުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން އަނެއްކާވެސް ގޮވާލާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖެއިން ކުރާ ތާއީދާއި ދޭ އެހީތެރިކަން ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ. އަދި އިސްލާމީ މުޤައްދަސް ބިނާތައް ހިމާޔަތްކުރުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ އުޞޫލީ ޙައްޤުތައް ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ބާރުއަޅާކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.




