މާލެ ސިޓީ ހެންވޭރުގެ ސަރަހައްދުގައި މިއަދުވެސް ކަރަންޓުގެ ވިއުގަ އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ، މާލެ ސަރަަހައްދުގައި އެކުންފުނީގެ ކަރަންޓް ވިއުގަ އަޕްޑޭޓް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދު މަސައްކަތް ކުރިޔަށްދާނީ މާލެ ސިޓީގައި ކަމަށެވެ. އެގޮތުން މިއަދު މަސައްކަތް ކުރާނީ ހެންވޭރު، ބޮޑުތަކުރުފާނު މަގު، ބޮޑުފުންގަނޑު މަގު، ބޮޑުރަސްގެފާނު މަގު، ލޮނުޒިޔާރަތް މަގު، ބުރެވި މަގު، ހިތިގަސް މަގު، ޑެއިޒީ ހިނގުން، މޫންލައިޓް ހިނގުން، ބަރުޖޯރާ ގޯޅި އަދި ބޮޑުފުޅަށް ގޯޅި ހިމެނޭ ސަރަހައްދުގައި ކަމަށެވެ.
މި މިސައްކަތްކުރުމަށް ހަމަޖެހިފައިވަނީ، މެންދުރުފަހު 14:00 އިން 16:00 އަށެވެ. ސްޓެލްކޯއިން ބުނީ މަސައްކަތް ކުރިޔަށްދާ ވަގުތު އެސަރަހައްދުން ކަރަންޓް ކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އަދި މަސައްކަތް ކުރަމުންދާއިރު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި އެކި ޒޯންތަކަކަށް ބަހާލައިގެން ދަނީ މަސައްކަތް ކުރަމުންނެވެ. މަސައްކަތްކުރާއިރު އަބަދުވެސް ދުރާލާ ރައްޔިތުންނަށް އެކަމުގެ ފުރިހަމަ މައުލޫމާތު ދަނީ ފޯރުކޮށްދެމުންނެވެ.



