ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އިބްރާހިމް މުޙައްމަދު ޞާލިޙަށް ވެސް، އެބޭފުޅުންގެ ދައުރުގައި ވެރިކަން ކުރެއްވުނީ އެންމެ ރަނގަޅަކަށް ނޫންކަމަށް އެ ތިން ރައީސުންވެސް ރޭގައި އެއްބަސްވެވަޑައިގެންފިއެވެ.
ނޫސްވެރިންގެ ދިފާއުގަައި އެކުގައި މަސައްކަތް ކުރައްވަން ނިންމެވީ ކަމަށް ވިދާޅުވެ، ކުރީގެ ތިން ރައީސުންވެސް ވަނީ ރޭގައި ބައްދަލުކުރައްވާ މަޝްވަރާތަކެއް ކުރައްވާފައެވެ. އެ މަޝްވަރާތަކަށްފަހު ތިން ރައީސުންވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.
އެގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، އެ ތިން ރައީސުންނަށް ވެސް ވެރިކަން ކުރެއްވުނީ އެންމެ ފުރިހަމައަށް ނޫން ކަމަށް ތިން ބޭފުޅުންނަށް ވެސް ގަބޫލުފުޅު ކުރެއްވާ ކަމަށާއި، އެހެންނަމަވެސް މިއަދު އެކުގައި ނުކުމެވަޑައިގަތީ ބަލަން ތިބެވެން ނެތުމުން ކަމަށެވެ.
ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ތާއީދު ކުރައްވާ، ރައީސް ޞާލިޙުވެސް ވަނީ ހަމައެފަދައިން ފަހުން ވިދާޅުވެފައެވެ.
ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ބައެއް ނޫސްވެރިންނަށް ދަތިހާލަތު ޖެއްސުމުގެ ސަބަބުން މިހާރު ނޫސްވެރިންގެ ދިފާއުގައި ރައީސް ޔާމީން ނުކުންނެވުމުގެ ނިޔަތާ ގުޅޭގޮތުން ސުވާލު އުފެދިފައިވާތީ، އެ ސުވާލު ކުރުމުން ރައީސް ޔާމީން ވަނީ، ކުރިން ކުރެވުނު ކަންކަން ނުވަތަ ގޯސްތައް އެމަނިކުފާނު އިސްލާހު ނުކުރައްވަންވީތޯ ސުވާލު ކުރައްވާފައެވެ.
ތިން ރައީސުން ވެސް ވަނީ އެބޭފުޅުންގެ ވެރިކަމުގައި ކަންތައްތައް ކުރެއްވުނީ އެންމެ ރަނގަޅަށް ނޫން ކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.
އެހެންނަމަވެސް އެއީ ކުރިއަށް އޮތް ތަނުގައި އެކަންކަން އިސްލާހު ނުކުރެވޭނެ ކަންކަމެއް ނޫންކަން ތިން ބޭފުޅުން ވެސް ފާހަގަކުރެއްވިއެވެ.


