ރައީސް އޮފީހުގެ އިސްތަރުޖަމާނުގެ ގޮތުގައި މިހާރު ހުންނެވި މުހައްމަދު ހުސެއިން ޝަރީފު (މުންދު) ގެ މައުލޫމާތު ކޮށީކީ ނޫން ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަންކަން ހަނދުމަފުޅު ނެތޭލެއް އަވަހީ ކަމަށް، މުންދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ލީޑަޝިޕްގެ ދަށުން ހިންގަވާ ޕީއެންއެފްގެ ޖަލްސާއެއްގައި ދާދިފަހުން އެމަނިކުފާނު ވިދާޅުވީ، ތިން ރައީސުން އެކުވާން މިހާރު އުޅެނީ އެކަކު އަނެކަކު ހައްޔަރު ކުރީމަ ކަމަށް މުންދު ވިދާޅުވި ކަމަށާއި އެއީ ”ރަނގަޅު ވާހަކައެއް ނޫން“ ކަމަށެވެ.
”އަދި ހައްޔަރުކުރިނަމަވެސް އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވުން އެއްފަރާތަށް މިޖައްސަނީ މުޅި ޤައުމުގެ ޙައްޤުގައި“ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އެވާހަކަތަކަށް ރައްދު ދެއްވައި މުންދު މިއަދު އޭނާގެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ބޮޑުބައިގައި ޔާމީނަށް އޮންނަން ޖެހިވަޑަައިގަތީ ޖަލުގައި ކަމަށެވެ. އަދި ކުރީގެ ހަނދާނެއް އާ ކޮށްދެއްވަމުން މުންދު ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ޔާމީން ބަންދުކުރި ކަމަށެވެ.
”ދޫނިދޫގައި އަދި އާރަށުގައި މަނިކުފާނު ބަންދުގައި ގެންގުޅުނު ދެއްތޯ؟ އަޅުގަނޑު އެއިރުވެސް ވަރަށް ކައިރިން މަނިކުފާނާ މަސައްކަތް ކުރިން ނޫންތޯ؟ އަދި އަސަރާއެކު ކަންހިނގައިދިޔަ ގޮތާއި އާއިލާއަށް ކުރި އަސަރު އަޅުގަނޑު ގާތުގައި ވިދާޅުވެދެއްވީ ހަމަ އަމިއްލަފުޅަށް. ވީމާ، އަޅުގަނޑުގެ މައުލޫމާތު ނުވަތަ ދިރާސާ ގޯހީކީ ނޫން. މަނިކުފާނު ކަންކަން ހަނދުމަފުޅު ނެތޭލެއް އަވަހީ އިނގޭތޯ“ މުންދު ވިދާޅުވެފައިވެއެވެ.



