ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި މީހުން ސަލާމަތްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަޤުސަދުގައި، 100 މީޓަރުގެ ފުންމިނަށް ފީނޭ ފެންވަރަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ތައްޔާރުކުރުމުގެ ޚާއްސަ ތަމްރީނުތަކެއް ކުރިއަށްގެންދަން ފަށައިފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ދިފާއީ ބާރުގެ ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ހާމަކުރެއްވި ގޮތުގައި، މިހާރު ސިފައިންގެ ޑައިވަރުންނަށް ހުއްދަ އޮންނަނީ 50 މީޓަރާ ހަމައަށް ފީނުމަށެވެ. ނަމަވެސް، ރެސްކިއު އަދި ސަރޗް އޮޕަރޭޝަންތަކުގައި ޑައިވަރުންގެ ފުރާނައަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހޭތީ، މިއަހަރު ނިމުމުގެ ކުރިން އައު އަމާޒަށް ވާސިލުވުމަށް ސަރުކާރާއި އަވައްޓެރި ޤައުމުތަކުގެ އެހީތެރިކަމާ ލއެކު މަސައްކަތްކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމްގެ ދެވަނަ މަރުޙަލާ މި ހިނގާ މެއި މަހުގެ ތެރޭގައި ފެށިގެންދާނެކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުތަކަކީ ފީނުމަށް އަމާން މާޙައުލެއް އޮންނަ ތަނެއްކަން ފާހަގަކުރައްވައި، ސަލީމް ވަނީ ޤަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސްކުރައްވާފައެވެ. ހަމައެއާ އެކު، ލެފިޓެންޓް ކާނަލް ޢަލީ ނިޔާޒް ވިދާޅުވީ، މޫދަށް އެރުމުގެ ކުރިން ފުރިހަމަ ޕްލޭނެއް އެކުލަވާލުމާއި، އާލާތްތައް ޗެކްކުރުމަކީ ފުރާނައިގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
ތިރީސް މީޓަރަށްވުރެ ފުނަށް ފީނާނަމަ އެކަމަށް ޚާއްޞަ އާލާތްތަކާއި ތަމްރީނު ބޭނުންވާނެކަން ނިޔާޒް ފާހަގަކުރެއްވިއެވެ. އެފަދަ ކަންކަމަށް ފަރުވާކުޑަކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގަމުންދާކަން ބަޔާންކުރައްވަމުން އޭނާ ވަނީ، މޫސުން ގޯސް ވަގުތުތަކުގައި ޑައިވްކުރަން ދާއިރު އިންސްޓްރަކްޓަރުންނާއި އުޅަނދުފަހަރުގެ ކެޕްޓަނުން ސަމާލުވުމަށް ގޮވާލައްވާފައެވެ. ކަނޑުމަތީގެ ހާދިސާތަކަކީ ފަސޭހައިން ތަޙައްމަލުކުރެވޭނެ ކަންކަމަށް ނުވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށް ސިފައިން ވަނީ އިރުޝާދުދީފައެވެ.




