ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި، ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަދި އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަބަބުން ޝިކާރަވި ރައްޔިތުން ލައްކައިން މަތި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
ރުކުމާ މިހެން ވިދާޅުވެފައިވަނީ، ނޫސްވެރިންގެ ޙައްޤުގައި އެކުގައި މަސައްކަތް ކުރައްވަން ނިންމަވާފައިވާ ކަމަށް ރޭގައި އެ ތިން ރައީސުން އިއުލާނު ކުރައްވާ ބައްދަލު ކުރެއްވުމާ ގުޅިގެންނެވެ.
އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސް އަދި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު މުހައްމަދު ޖަމީލު އަހްމަދާއެކު އެ ތިން ރައީސުން ނަންގަވާފައިވާ ފޮޓޯއަކާއެކު، ”އެކްސް“ ގައި ރުކުމާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ތިން ރައީސުންގެ ވެރިކަމުގަ ހެދި ގޯސްތަށް ލިސްޓު ކުރިނަމަ ފޯނުގެ ބެޓެރި ހުލިވާއިރުވެސް އެ ޕޯސްޓު ނުކިޔޭނެ ކަމަށާއި އެ ވެރިކަންތަކުގައި ޝިކާރަވި ރައްޔިތުން ލައްކައިން މަތި ކަމަށެވެ.
”ދިވެހި ރާއްޖޭގެ އިޖުތިމާއީ، އިޤްތިޞާދީ، ޝަރުޢީ، ސަލާމަތީ، އިންސާނީ ވަގުފާރި، ޤައުމީ، ސަގާފީ، އިސްލާމީ، ތަރިކަ، ސިޔާސީ، ނޫސްވެެރިކަން، ޓެކްނޮލޮޖީ، ތިމާވެށި، މިނިވަންކަން، ޚާރިޖީ ފަދަ ޤައުމީ ބޮޑެތި ގޮންޖެހުންތަށް ހައްލު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ކުރަންވަމުން ގެންދަވާ މަސައްކަތުގައި މާތް الله ބަރަކާތް ލައްވާށި. أمين“ ރުކުމާ ވިދާޅުވެފައިވެއެވެ.
ރޭގެ މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ތިން ރައީސުން ވެސް ވަނީ އެބޭފުޅުންގެ ވެރިކަމުގައިވެސް ގޯސްތަކެއް ހެދިފައިވާކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.




