ވ. އަތޮޅުގައި ސަފާރީއެއްގައި ފީނަން ގޮސްގެން ގެއްލުނު 4 ފަތުރުވެރިން ހޯދުމުގެ މަސައްކަތަށްދިޔަ އެމްއެންޑީއެފްގެ ޑައިވަރެއްގެ ހާލު ދެރަވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި ޑައިވަށް ދިޔަ ފަސް ޑައިވަރުންގެ ތެރެއިން މިހާތަނަށް ކަނޑުގެ އަޑިން ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. ދެން ތިބި ހަތަރު މީހުން ހޯދުމަށް ސިފައިންގެ ޑައިވަރުން ހިންގާ އޮޕަރޭޝަން ދަނީ އަދިވެސް ކުރިއަށެވެ.
އެމްއެންޑީއެފްއިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ ވ. އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ ޑައިވަރެއްގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެމްއެންޑީއެފްގެ އެ ޑައިވަރު އެމަޖެންސީކޮށް މާލެ ގެނެސްފައިވަނީ ޑީކޯ ވެގެންނެވެ.
ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް މިއަދު ހެނދުނު ވެސް 10:30 ގައި ސިފައިންގެ ޑައިވަރުން ފަށާފައިވާ ކަމަށް މުހައްމަދު ހުސެއިން ޝަރީފު (މުންދު) މިއަދު ކުރިން ވަނީ ވިދާޅުވެފައެވެ.
ފަތުރުވެރިންތައް ގެއްލިފައިވަނީ ކަނޑުގެ 60 މީޓަރު އަޑީގައިވާ ކޭވްއެއްގެ ތެރޭގައި ތާށިވެގެން ކަމަށް ބެލެވޭ ކަމުގައި އެމްއެންޑީއެފްއިން މީގެކުރިން ވަނީ ބުނެފައެވެ. އަދި އެއީ ރާއްޖޭގައި ފީނުން މަނާ ފުންމިނެއް ކަމުގައިވެސް ބުނެފައިވެއެވެ.




