ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލުވައިލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި މީހުން ދޫކޮށްލީ މި ސަރުކާރުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވުމުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެކަން މިއަދު ދޮގުކުރައްވައިފިއެވެ.
ނޫސްވެރިކަމާއި، ހިޔާލުފާޅުކުރުމުގެ ހައްގުގެ ދިފާއުގައި އެކުގައި މަސައްކަތް ކުރަން ކުރީގެ ތިން ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ޞާލިހު (އިބޫ) އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު ރޭ ބޭއްވި މީޑިއާ ބްރީފިންއެއް ގައި ޞާލިހު ވިދާޅުވީ ރިލުވާންގެ މަރުގެ މައްސަލާގައި ވަރަށް ތަފްސީލީ މަސައްކަތްތަކެއް ކޮށް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން އެމީހުން ބަންދުކޮށްފައި ތިއްބާ ދޫކޮށްލީ މި ސަރުކާރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ދެން އޮތީ ރިލްވާން ނޫސްވެރިޔާގެ ވާހަކަ، ތަހުގީގުކޮށް ވަރަށް ޑީޓެއިލް މަސައްކަތްތަކެއް، ވަރަށް ބުރަ މަސައްކަތްތަކެއް ކޮށް، އެންމެ ފަހު މަރުހަލާގައި، އޭގެ އެތައް ބަޔަކު، ތިނެއް ނޫނީ ހަތަރުމީހަކު، ތުހުމަތު ކުރެވޭ މީހުން، ޖަލަށް ނޫނީ ޝަރީއަތް ނިމެންދެން ލާފައި ވާނެ. އެހެން އޮއްވާ މިސަރުކާރު ވެރިކަމަށް އައިސްފައި އެމީހުން ދޫކޮށްލީ،“ ރައީސް ޞާލިހު ވިދާޅުވިއެވެ.
އެމަނިކުފާނުގެ އެ ޖަވާބަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ އެއީ ”ކަނޑައެޅިގެން އިތުރުފުޅެއް“ ކަމަށެވެ.
”އެފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރު އިންތިހާބުގެ ދުވަސްވަރު. އެންމެ ފަހުން ބަންދުގަ ހުރި ފަރާތް ދޫކޮށްލާފައިވަނީ 2023 ގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު. މިކަހަލަ ސާފުކޮށް ފެންނަން ހުންނަ ކަންކަމުގައި ވެސް ރައްޔިތުންނަށް އޮޅުވާލުމަށް ހަގީގަތާ ހިލާފު ވާހަކަތައް ދެއްކެވުމަކީ ދެރަ ކަމެއް“ އުޝާމް ވިދާޅުވިއެވެ.


