ވ. އަތޮޅުގައި ސަފާރީއެއްގައި ފީނަން ގޮސްގެން ގެއްލުނު 4 ފަތުރުވެރިން ހޯދުމުގެ މަސައްކަތަށް ގޮސްގެން ހާލުދެރަވެގެން ނިޔާވި އެމްއެންޑީއެފްގެ ޑައިވަރު، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ފީނަން ގޮސް އުޅެނިކޮށް އިޓަލީއަށް ނިސްބަތްވާ ފަސް ފަތުރުވެރިން ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭގެ ތެރެއިން އެކަކުގެ ހަށިގަނޑު ވަނީ ފެނިފައެވެ. އަނެެއް ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފްއިން މިއަދު ”އެކްސް“ ގައި ކުރިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވ. އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ ޑައިވަރެއްގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ޑީކޯވެގެން އެމަޖެންސީގައި މާލެ ގެނައި އެ މީހާ، އޭގެ ގިނައިރުތަކެއް ނުވެ ވަނީ ނިޔާވެފައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެމަނިކުފާނަށާއި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށާއި މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ޚަބަރެއް ކަމަށެވެ.
އެ މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، އެ ޢާއިލާއަށާއި އެމްއެންޑީއެފަށް ތަޢުޒިޔާ ދަންނަވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
”ޑިއުޓީގަައި މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާށި. އާމީން“ ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ



