މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރުސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ވަކިކޮށްފި އެވެ.
އޭނާ މަގާމުން ވަކިކުރިކަން އެމްއެމްޕީއާރްސީގެ އިސް އޮފިޝަލަކުވަނީ ”ސައުވީހަށް“ ކަށަވަރުކޮށްދެއްވާފަ އެވެ.
އެމްއެމްޕީއާރްސީންނާއި، ޕްރައިވަޓައިޒޭޝަން ކޯޕަރޭޝަން ބޯޑު (ޕީބީސީ)ން މިކަމާއި ގުޅޭގޮތުން ރަސްމީ ސިފައެއްގައި އަދި އެއްޗެެއް ބުނެފައެއް ނުވެއެވެ. އެހެންކަމުން ކުޑީ މަގާމުން ވަކިކުރި ސަބަބު އަދި ސާފެއް ނުވެއެވެ.
އެމްޑީގެ މަގާމަށް އޭނާ އައްޔަނު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.
ކުޑީ މަގާމުން ވަކިކޮށްފައިވާއިރު، އިއްޔެ އެކުންފުނީގެ ޗެއާ ޕާރސަން އާއިޝާ ނޫރައިން ޖަނާހް އިސްތިއުފާދެއްވުމާއި ގުޅިގެން ޕީސީބީން ވަނީ އޭނާވެސް މަގާމުން ވަކިކޮށްފަ އެވެ. އަދި، އެމްއެމްޕީއާރުސީގެ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ތަމްސީލްކުރައްވާ މެންބަރު ރާފިލް މުހައްމަދުވެެސް ވަނީ މިިދިޔަމަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.



