ކޮންގޯ އަދި ޔުގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއްޔެ ކަނޑައަޅައިފިއެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ޔުގެންޑާގައި ފެތުރެމުންދާ މި ބަލިމަޑުކަމަކީ ”ބައިނަލްއަގުވާމީ ގޮތުން ސަމާލުކަންދޭންޖެހޭ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް“ ކަމަށް ކަނޑައަޅައި، މި ބަލި ބޯޑަރު ހުރަސްކޮށް އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން ވަނީ ދީފައެވެ.
އެ ޖަމިއްޔާއިން ހާމަކުރި ގޮތުގައި، ”ބުންޑިބުގްޔޯ“ ނަމަކަށް ކިޔާ އެބޯލާ ވައިރަހުގެ ބާވަތަކުން ޖެހޭ މި ބަލީގައި ކޮންގޯގެ އިރުމަތީ އިޓޫރީ ޕްރޮވިންސުން މިހާތަނަށް 80 މީހުން މަރުވެފައިވާ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން ބަލި ޖެހިފައިވާކަން ކަށަވަރުވި 8 ކޭސްއަކާއި ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 246 ކޭސްއެއް ވަނީ ފެނިފައެވެ.
މި ހާލަތަކީ އާދަޔާ ހިލާފު ނުރައްކާތެރި ހާލަތެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ސިފަކުރަނީ، މީގެ ކުރިން އާންމުކޮށް ފެންނަ ”ޒައިރް“ ބާވަތުގެ އެބޯލާއަށް ވެކްސިނާއި ފަރުވާ ހުރި ނަމަވެސް، މިހާރު ފެތުރެމުންދާ ’ބުންޑިބުގްޔޯ‘ ބާވަތަށް ހާއްސަ ވެކްސިނެއް ނުވަތަ ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވާތީއެވެ.
ބަލިމަޑުކަން މިހާރު ވެސް ބައިނަލްއަގުވާމީ ފެންވަރުގައި ފެތުރެން ފަށާފައިވާކަން އެ ޖަމިއްޔާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެގޮތުން، ޔުގެންޑާގެ ކަމްޕާލާ އިން ބަލި ޖެހިފައިވާ ދެ މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ. މި ދެ މީހުންނަކީ ވެސް ކޮންގޯއިން އެ ގައުމަށް ދަތުރުކުރި ބައެކެވެ. މީގެ އިތުރުން ކޮންގޯގެ ވެރިރަށް ކިންޝާސާ އިން ވެސް އިޓޫރީ ޕްރޮވިންސުން ދަތުރުކުރި މީހެއްގެ ހަށިގަނޑުން މި ބަލި ވަނީ ފެނިފައެވެ.




