އެސްޓީއޯގެ އައުޓްލެޓްތަކުން ވިޔަފާރި ކުރައްވާ ފަރާތްތަކަށް ޚާއްސަ އިނާޔަތްތަކެއް ދިނުމަށް ލޯޔަލްޓީ ޕްރޮގްރާމެއް އެކުންފުނިން އިފްތިތާޙްކޮށްފިއެވެ.
މި ޕްރޮގްރާމް އިފްތިތާޙްކޮށްފައިވަނީ އެސްޓީއޯއިން ރޭގައި ބޭއްވި އެ ކުންފުނީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިންނެވެ.
އެސްޓީއޯގެ ލޯޔަލްޓީ ޕްރޮގްރާމް ”މައި އެސްޓީއޯ ލޯޔަލްޓީ“ އަކީ މިދިޔަ އަހަރު އެކުންފުނިން ބޭއްވި އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ހުށަހެޅި ހުށަހެޅުމެއް ބަލައިގަނެ އެކުންފުނިން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
އެސްޓީއޯގެ ލޯޔަލްޓީ ޕްރޮގްރާމުގައި ފުރަތަމަ ހިއްސާދާރުން ބައިވެރިކުރާއިރު، ހިއްސާދާރުން ލޯޔަލްޓީ ޕްރޮގްރާމުގައި ރެޖިސްޓަރ ކޮށްފައިވަނީ، އެންމެ މަތީ ދަރަޖަ ”ޕްލެޓިނަމް“ ގައި ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އަދި މިހާރު އެސްޓީއޯގެ ލޯޔަލްޓީ ކާޑު ހިއްސާދާރުންނަށް ޝެއަރ ހޯލްޑަރ ޕޯޓަލް މެދުވެރިކޮށް ކްލެއިމް ކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
އެސްޓީއޯގެ ލޯޔަލްޓީ ޕްރޮގްރާމް ބަހާލާފައިވަނީ ތިން ދަރަޖައަކަށެވެ. އެއީ ސިލްވަރ، ގޯލްޑް އަދި ޕްލެޓިނަމް ދަރަޖަ ނުވަތަ ކާޑެވެ. މިއިން ކޮންމެ ދަރަޖައަކުންވެސް އެސްޓީއޯގެ ކަނޑައެޅޭ އައުޓްލެޓްތަކުން ވިޔަފާރިކޮށްގެން ޕޮއިންޓް ލިބޭނެއެވެ.
އެސްޓީއޯއިން ބުނީ ވިޔަފާރިކުރާ މިންވަރުން ކާޑުގެ ދަރަޖަ މަތިވެގެންދާނެ ކަމަށެވެ. ދަރަޖަތަކުގަ ޕޮއިންޓް ލިބޭ ނިސްބަތް ތަފާތުއިރު، ކޮންމެ ދަރަޖައަކުންވެސް އެއްކުރެވޭ ޕޮއިންޓް ވިޔަފާރި ކުރުމުގައި ރިޑީމްކޮށް ނުވަތަ ފައިސާ ކުރާ މުޢަމާލާތައް އަގު ދެއްކުމަށް ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.



