ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުގެ މަގާމުން ޔޫސުފް ވަހީދު މިއަދު ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކަން ކަށަވަރު ކޮށްދިން ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ނުބުނެއެވެ.
ހއ. ވަށަފަރު، ބޮޑުގެ، ޔޫސުފް ވަހީދު އެޗްޑީސީގެ ބޯޑަށް އައްޔަންކުރީ ސެޕްޓެމްބަރު 2024 ގައެވެ.
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޔޫސުފް ވަހީދަކީ މީގެ ކުރިން ސްޓެލްކޯގެ ބޯޑު މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
އޭނާއަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާސް އޮފް ޕްރޮފެޝަނަލް އެކައުންޓިން އެންޑް ފައިނޭންސް ހާސިލް ކުރައްވާފައިވާ އަދި ފައިނޭންސްގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ވެސް ފުރިހަމަ ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.




