ހއ. ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.
ތުރާކުނުގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތާ ރަސްމީކޮށް ހަވާލުވުމުގެ ގޮތުން އެރަށު އިންޖީނުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރުއެވެ.
އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު މެނޭޖިންގ ޑިރެކްޓަރާއި ކުންފުނީގެ އިސްވެރިން ވަނީ އިންޖީނުގެއާއި އޮފީހުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައި، ޚިދުމަތްތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ސްޓެލްކޯއިން އުތުރުގެ ރަށްތަކުގައި ޔުޓިލިޓީ ޚިދުމަތްތައް ދިނުމަށް ފަށާފައިވާ މި ދަތުރުގެ ތެރެއިން، އެ ކުންފުނީގެ އިސްވެރިން ވަނީ ހއ. ހޯރަފުށީ އިންޖީނުގެއާއި ބޮޓްލިންގ ޕްލާންޓުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބުވެސް ބައްލަވާލައްވާފައެވެ. ސްޓެލްކޯއިން ބުނިގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ހއ. އަތޮޅުގެ އިތުރު ރަށްތަކުގައި ފެނަކައިގެ ދަށުން ދެމުންދިޔަ ޚިދުމަތްތަކާވެސް އެ ކުންފުނިން ހަވާލުވާނެއެވެ.
ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވަމުންދާއިރު، ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ އަދި ހުޅުމީދޫގެ ކަރަންޓުގެ ޚިދުމަތާވެސް އެ ކުންފުނިން ދާދިފަހުން ވަނީ ހަވާލުވެފައެވެ.



