ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ނުހަނު ބޮޑަށް ގަދަވެފައިވުމާއެކު ވައި އެހާ ބާރުވެފައި ވާތީ، ކޮންމެހެން ކުރަން ޖެހޭ، ނުކޮށް ނޫނީ ވާން ނެތް ފަދަ މުހިންމު ކަނޑުދަތުރުތައް ނޫން އެހެން ދަތުރު ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ އެކްސް.ކޮމްގައި ފުލުހުން ކުރި ޕޯސްޓެއްގައެވެ. ފުލުހުންގެ ޕޯސްޓުގައި ވަނީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ކަނޑުދަތުރުތައް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރު ނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. ހަމައެހެންމެ ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށް ނަސޭހަތްތެރިވެފައެވެ. މިއާއެކު މޫދަށް ނޭރުމަށް ވެސް އިލްތިމާސްކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކުރިއަށްއޮތް 3 ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ހުކުރު ދުވަހުގެ ނިޔަލަށް މޫސުން ވަރަށް ބޮޑަށް ގޯސްކަމަށާއި އެހެންކަމުން އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ. މިމަހުގެ 9 ވަނަ ދުވަހު ފެށުނު ހުޅަނގު މޫސުމުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވަރަށް ބޯކޮށް ވާރޭވެހި، ވައިގަދަ ވުމުގެ ސަބަބުން އެކިވަރުގެ ގެއްލުންތައްވެސް ވަނީ ވެފައެވެ. .



