ގައުމީ އެއާލައިން، މޯލްޑިވިއަންއިން އޮސްޓްރޭލިއާގެ މެލްބަން އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.
މިއީ އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރަން ފެށި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި ފާހަގަކޮށްލެވޭ މި ދަތުރުތައް ފެށީ މޯލްޑިވިއަންގެ އޭ330 މަރުކާގެ ބޯޓެއްގަ އެވެ. މި ދަތުރުގެ ފުރަތަމަ ފްލައިޓް މިހާރު ވަނީ އޮސްޓްރޭލިއާގެ މެލްބަންއަށް ދިއުމަށްޓަކައި މީގެ ކުޑަ ވަގުތުކޮޅެއްކުރިން ރާއްޖެއިން ފުރާފައެވެ.
މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ފަހަރު އެވެ. މި ދަތުރުތައް ފަށާފައިވަނީ ހަ މަސް ދުވަހުގެ ޓްރަޔަލް މުއްދަތަކަށެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަނުން ބުނީ ރާއްޖެއާއި އޮސްޓްރޭލިއާ އާ ދެމެދު ކުރެވުނު ފުރަތަމަ ސީދާ ދަތުރަކީ ހަމައެކަނި ވައިގެ ދަތުރުފަތުރުގެ އައު މަންޒިލެއްގެ ފެށުން ނޫންކަމަށާއި މިއީ ދިވެހިންގެ ގައުމީ އެއާލައިނުގެ ގާބިލުކަން ދައްކުވައިދޭ ދަތުރެއްކަމަށެވެ.
މީގެ ކުރިން އެހެން ގައުމުތަކުގައި ޓްރާންސިޓް ކޮށްގެން ވިހި ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި ނަމަވެސް، މި ސީދާ ދަތުރުތަކާއެކު ގާތްގަނޑަކަށް އެގާރަ ގަޑިއިރުން އޮސްޓްރޭލިއާއަށް ދެވޭނެއެވެ.




