ލާމަރުކަޒީ ގާނޫނު އެކުލަވައިލާ ރަށްރަށުގެ ކަންކަން ނިންމުމުގައި ކައުންސިލުތަކެއްގެ ދައުރު އޮންނަ ގޮތަށް ހަމަޖެއްސިއިރު ގާނޫނު އެކުލަވައިލެއްވި ބޭފުޅުން ތަސައްވުރުކުރެއްވި ކައުންސިލުތަކަކީ ސަރުކާރަށް އެހީތެރިވެ މަދަދުވެރިވާ ބައެއްކަމަށް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު ނަރީޝް ވިިދާޅުވެއްޖެއެވެ.
އެމްއެމްޓީވީން ދެއްކި ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ، ކައުންސިލުތަކުން ސަރުކާރު ޖަވާބުދާރީކުރުވުމަކީ ގާނޫނުގެ އެއްވެސް ހިސާބެއްގަައި އޮތް ކަމެއް ނޫންކަމަށާއި، އެއީ ގާނޫނު އެކުލަވައިލި މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގައި ހިނގި ބަހުސްތަކަށް ބަލާއިރު މެންބަރުން ތަސައްވުރު ކުރެއްވި ކަމެއްވެސް ނޫން ކަމަށެވެ.
އިތުރަށް ނަރީޝު ވިދާޅުވީ ކައުންސިލުތައް އެކުލަވައިލާފައިވަނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ސަރުކާރު ހިންގާ ބާރުގެ ފަށަލައެއްގެ ގޮތުގައި ކަމަށެވެ. އަދި ކައުންސިލުތަކުގެ މައިގަނޑު ދައުރަކީ ސަރުކާރުން ރަށްރަށުގައި ކުރާ މަސައްކަތްތަކާއި ހިންގާ މަޝްރޫއުތަކުގައި ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން ބޭއްވުމާއި ރައްޔިތުންގެ ފަރާތުން ހިޔާލުތައް ހޯދައިދިނުން ކަމަށެވެ.
”އެއްވެސް އިރެއްގައި ގާނޫނުގެ އެއްވެސް ތަނެއްގައި ލިޔެފައި އޮތް ތަނެއް އަޅުގަނޑުމެންނެއް ނުދެކެން އަދި ދިވެހިރާއްޖޭގެ އެއްވެސް ގާނޫނީ ބޭފުޅެއްވެސް (ދެކެވަޑައިނުގަންނަވާ) އަދި ލާމަރުކަޒީ ގާނޫނު ގާނޫނަކަަށް ހެދުމަށް މަޖިލީހުގެ ތެރޭގައި ކުރެވުނު ބަހުސްތަކުގައި މަޖިލީހުގެ މެންބަރުންވެސް ތަސައްވުރުކުރެއްވި ގޮތެއް ނޫން، ސަރުކާރު ޖަވާބުދާރީކޮށް ސަރުކާރާ ދެކޮޅަށް ގަރާރު ނެރެ، ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ކައުންސިލުތަކެއްގެ ގޮތުގައި އިންތިހާބުކުރާ ކައުންސިލުތަކެއްގެ ގޮތުގައެއް“ ނަރީޝް ވިދާޅުވިއެވެ.



