ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައީސްގެ މެމްބަރުގެ ގޮތުގައި އިންނަވާ ޔަޒްމީދު މުހައްމަދު އިއްޔެ އިސްތިއުފާ ދެއްވައިފިއެވެ.
ޔަޒްމީދު އިސްތިއުފާ ދެއްވިކަން ކަށަވަރުކުރެވިފަައިވީ ނަމަވެސް، އޭނާ އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެއެވެ.
ރައީސްގެ މެމްބަރުގެ ގޮތުގައި ޖޭއެސްސީގައި ކުރިން އިންނެވީ، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހާއި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގައި ވެސް މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ވަކީލު މުހައްމަދު ސަމީރެވެ. ސަމީރު ވަކިކުރައްވައި، ޔަޒްމީދު އެ ކޮމިޝަނަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް ޔަޒްމީދު އައްޔަންކުރީ، މިދިޔަ އޮކްޓޫބަރުގަ އެވެ. އެއީ އެ މަގާމުގައި ކުރިން ހުންނެވި، ހައި ކޯޓުގެ އެންމެ ދުވަސްވީ އެއް ފަނޑިޔާރު މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމުންނެވެ.
ޔަޒްމީދަކީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މިދިޔަ މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަން ވެސް ކުރައްވައިފައެވެ.



