ޅ. މާފިލާފުށިން މާލެއަށް ދަތުރުކުރަނިކޮށް ލޯންޗު ފަޅައިގެން ގޮސްގެން ކަނޑުވި ސިފައިންގެ ދަރިވަރުންނަށް އެ ބިރުވެރި ހާދިސާއާ ކުރިމަތިލާން އެންމެ ބޮޑު ހިތްވަރެއް ލިބުނީ، ފުރިހަމަ ކުރި ސިފައިންގެ ތަމްރީނުގެ ސަބަބުން ކަމުގައި އެ ދަރިވަރުން ބުނެފިއެވެ.
އިއްޔެ ހިނގި މި ބިރުވެރި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިން ކޯސް-2 ގެ ކުދިން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް، ހުޅުމާލެއާ ހިސާބުން ފަޅައިގެން ގޮސް ދިޔަވެ އަޑިއަށް ދާތީ، އެ ލޯންޗުގައި ތިބި ކުދިން ”ކަނޑަށް ބޭލި“ ކަމަށެވެ.
ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް ކައިރިން ހިނގި މި ހާދިސާއާ ގުޅިގެން، ފުލުހުންނާއި އެމްއެންޑީއެފް އިން ކުރި ބުރަ މަސައްކަތުން ވަނީ ކަނޑުވި އެންމެންވެސް ސަލާމަތްކޮށް މާލެއަށް ރޭގައި ގެނެސްފައެވެ.
ސަލާމަތްވި ބައެއް ކުދިން ވަނީ އެ ކުދިންނަށް ތަޖުރިބާ ކުރެވުނު މި ބިރުވެރި ހާދިސާއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް އިންޓަވިއު ދީފައެވެ.
އެގޮތުން އެކުދިން ބުނީ، ކަނޑަށް ފޭބީ ފިރިހެން ކުދިންތައް ކަމަށާއި އޭގެފަހުން އަންހެން ކުދިން ކަމަށެވެ. އަދި އެއްވެސް ވަރަކަށް ހާސްނުވެ ކަނޑަށް ފައިބަން ސިފައިން ނަސޭހަތްތެރިވި ކަމަށް ވެސް ބުންޏެވެ.
”އެގަޑީގައި ހިތައް އެރީ އަޅުގަނޑު ދެންމައޭ މިއައީ އެމް.އެން.އެސް ޓްރެއިނިންގް ނިންމާފަ. އަޅުގަނޑު ގައިގައި އެބަހުއްޓޭ އެ ހިތްވަރު މި ހާދިސާއާ ކުރިމަތިލާން. އެހެންވެ އަޅުގަނޑު ފުންމާލީ ކަނޑަށް“ ޓްރެއިންގައި ބައިވެރިވި އެއް ދަރިވަރަކު ބުންޏެވެ.
”ލޯންޗުގަ ނިދިފަ އޮއްވާ ހޭލެވުނީ ބޫޓު ތެމިގެން. އެއިރު ދެން ނޭނގެ ވެގެން އުޅޭ ގޮތެއް. މޭމްމެން ބުނީ ހުރިހާ އެންމެން ނިކުންނާށޭ އެހެންވެ، އެގަޑީގަ އެންމެން ނިކުމެ ކަނޑަށް ފުންމާލީ. އަޅުގަނޑުމެންނަށް މި ޓްރެއިނިންގް ތެރޭގައި ވެސް ދަސްކޮށްދީފަ ހުރީ މިކަހަލަ ހާދިސާއެއް ކުރިމަތިވެއްޖެނަމަ ވީހާވެސް ބޮޑަށް ކާމްކޮށް (ހަމަޖެހިގެން) ހުންނަން. އެހެންވެ އެކަން ވަރަށް ހަނދާން ކޮށްގެން ހުރީ“ އެހެން ބައިވެރިއަކު ބުނެފައިވެއެވެ.
ކަނޑުވި ދަރިވަރުން ސަލާމަތްކުރަން އެމްއެންޑީއެފްއާއި ފުލުހުންގެ ލޯންޗުތައް، ވަރަށް އަވަހަށް ދިޔަކަން ވެސް އެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.




