1447 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސަޢުދީ އަރަބިއްޔާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ އެންމެހާ ޙައްޖާޖީން ފުރުވާލުމުގެ ކާމިޔާބު މަސައްކަތް އެމްއޭސީއެލްއިން ފުރިހަމަކޮށްފިއެވެ.
މި މަސައްކަތް މިހާ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދެވުނީ އެމްއޭސީއެލްގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އިތުރުން ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ކުރެވުނު އިންތިޒާމު ރަނގަޅު މަސައްކަތްތަކުގެ ތެރެއިން ކަމުގައި އެ ކުންފުނިން ފާހަގަކުރިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޙައްޖާޖީން ފުރުމުގެ އިންތިޒާމުތަކުގެ އެންމެހާ ކަންކަން ކަށަވަރުކުރުމަށްޓަކައި އެމްއޭސީއެލްގެ މެނޭޖްމަންޓާއި، ޕެސެންޖަރ ސަރވިސަސްގެ މުވައްޒަފުންނާއި، ޓަރމިނަލް ސަރވިސަސްގެ މުވައްޒަފުންނާއި، އެސްޓޭޓް ސެކިއުރިޓީ ސަރވިސަސްގެ މުވައްޒަފުންނާއި ޖުމްލަކޮށް އެމްއޭސީއެލްގެ ހީވާގި އެންމެހާ މުވައްޒަފުން ގުޅިގެން ފުރިހަމަ އަދި ތަރުތީބު ތައްޔާރީތަކެއް ހަމަޖައްސައިދިނެވެ.

މި ތައްޔާރީތަކުގެ ތެރޭގައި، ވޯޓަރ ފްރަންޓު އިމާރާތުގައި ޙައްޖާޖީންނަށް ހުކުރު ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމާއި، ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި ޙައްޖުވެރިންނާއި ޢާއިލާތަކަށް މަޑުކޮށްގެން ތިބުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ޙައްޖުވެރިންނަށް ބޭނުންވާނެ ފެން ފޯރުކޮށްދިނުމާއި، ވުޟޫކުރުމަށް ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.
މި އަހަރު ރާއްޖެއިން ޙައްޖަށް ދަތުރުކުރާ ޙައްޖާޖީންނަށް ލުއިފަސޭހަ، އަދި ފުރިހަމަ ޚިދުމަތެއް ދިނުމަށް އެމްއޭސީއެލްގެ ފަރާތުން ކުރި އިންތިޒާމުތައް ކާމިޔާބުކޮށް ފުރިހަމަކުރުމަށް އެހީތެރިވި އެންމެހާ ފަރާތްތަކަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.



