މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެ ފޭސް 1 އިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މަރިޔައްޕަން ގަނެޝަން، އިންޑިއާ (39އ) އާއި ނ. ކެނދިކުޅުދޫ / ކުޅުދޫ. ގުލްފާމްގެ، އިބްތިޝާމް ޢަލީ (27އ) އާއި ސ. ހިތަދޫ / ދެކުލައަރާގެ، އިބްރާހީމް މަޢުޞޫމް (54އ) އެވެ.
މި ތިން މީހުންގެ ތެރެއިން އިބްތިޝާމް ޢަލީ އާއި އިބްރާހީމް މަޢުޞޫމް ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 18 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުންދިޔައިރު، އެ މީހުންނާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސް ކުރުމަށްފަހުއެވެ.
ހުޅުމާލޭ ނިރޮޅުމަގުން އިބްތިޝާމް ޢަލީ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 39 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އަދި ހުޅުމާލެ ފޭސް 1 ސްޓެލްކޯ ކައިރިން އިބްރާހީމް މަޢުޞޫމް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިބްތިޝާމް ޢަލީއާއި، އިބްރާހީމް މަޢުޞޫމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އިންޑިއާއަށް ނިސްބަތްވާ މަރިޔައްޕަން ގަނެޝަން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުުކުރެވޭ މައްސަލައާ ގުޅިގެން މި މެއި މަހުގެ 17 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ހުޅުމާލޭ ފިތުރޯނުމަގުން އޭނާ ހުއްޓުވައި ބަަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 10 ފުޅި ފެނިފައިވެއެވެ. މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




