މާލޭގެ މަސްމާރުކޭޓް ހިމެނޭ ސަރަހައްދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ”މާލެ ވެޓް މާކެޓް ކޮމްޕްލެކްސް“ ގެ މަސައްކަތް ނުފެށި ލަސްވަނީ މާލެ ސިޓީ ކައުންސިލުން އެ މަސައްކަތަށް ބޭނުންވާ ބިން ހަވާލުނުކޮށްގެން ކަމަށް މިނިސްޓްރީ އޮފް އިންސްފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަސް ޑިވެލޮޕްމަންޓުން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަޝްރޫއަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމާއި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.
އަދި ކޮންޓްރެކްޓަރުގެ ފަރާތުންވެސް މަސައްކަތް ފެށުމަށް ބޭނުންވާ ތައްޔާރީތައް ފުރިހަމަކޮށްފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރިއެވެ. ނަމަވެސް، މަޝްރޫއު ކުރިއަށްގެންދިއުމަށް ކަނޑައަޅާފައިވާ ލޯކަލް މާރުކޭޓް ސަރަހައްދުގެ ބިން ހަވާލުކުރުމަށް އެދި ތަކުރާރުކޮށް ސިޓީ ކައުންސިލުގައި އެދުމުންވެސް އެކަން ކޮށްދީފައި ނުވާކަމަށް ބަޔާނުގައިވެއެވެ.
ބިން ހަވާލުކުރުމާ ގުޅޭގޮތުން މިނިސްޓްރީން ވަނީ ތާރީޚުތަކެއް ހާމަކޮށްފައެވެ. އެގޮތުން މާޗް 29 ގައި ފުރަތަމަ ސިޓީ ފޮނުވިއިރު، އޭޕްރިލް 12، މޭ 3 އަދި މޭ 18 ގައިވެސް ބިން ހަވާލުކުރުމަށް އެދި ސިޓީ ފޮނުވާފައިވެއެވެ. މީގެ އިތުރުން، އޭޕްރިލް 30 ގައި ސިޓީ ކައުންސިލުން ދިން ޖަވާބުގައި ބުނެފައިވަނީ ބިން ހަވާލުކުރުމުގެ ކުރިން މާލޭގެ މޭޔަރު މިނިސްޓަރާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
”މި މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު ވެސް އަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވީ ނަމަވެސް މި މަސައްކަތް ނުފެށި އޮތް ހަމައެކަނި ސަބަބަކީ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާ ހަވާލުކޮށްފައި ނުވުމެވެ.“ މިނިސްޓްރީން ބުންޏެވެ.
ޖުމްލަ 126.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 600 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި ކޮމްޕްލެކްސް ބިނާކުރުމަށް ހަމަޖެހިފައިވަނީ 6 ފަންގިފިލާއަށެވެ. އޭގެ ތެރޭގައި ޕާކިންގްއަށް ހާއްސަ ބޭސްމަންޓަކާއި، ގްރައުންޑް ފްލޯގައި މަސްމާރުކޭޓު، އަދި 1 ވަނަ ފަންގިފިލާއިން ފެށިގެން 3 ވަނަ ފަންގިފިލާއަށް ވެޖިޓަބަލް މާރުކޭޓު ހިމެނެއެވެ. އެންމެ މަތީ ފަންގިފިލާ ހާއްސަކޮށްފައިވަނީ ފުޑް ކޯޓަށެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މިއީ މާލޭގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫއެއް ކަމަށާއި، މަސައްކަތް ލަސްވާ ކޮންމެ ދުވަހަކީ މަޝްރޫއުގެ އަގު ބޮޑުވެ، ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތަކުން މަހުރޫމުވާނެ ކަމެއް ކަމަށެވެ.




