ސްޕޭނުގެ މަޝްހޫރު ފޭޝަން ބްރޭންޑް ”މެންގޯ“ ގެ ބާނީ އީސާކް އަންޑިކް ޑިސެމްބަރު 2024 ގައި ފަރުބަދައަކަށް އަރައިގެން އުޅެނިކޮށް ވެއްޓި މަރުވި ހާދިސާއާ ގުޅިގެން، ސްޕޭނުގެ ފުލުހުން އަންގާރަ ދުވަހު އޭނާގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ހައްޔަރުކޮށްފިއެވެ.
ބާސެލޯނާ ކައިރީގައިވާ މޮންސެރާޓް ފަރުބަދަމަތިން ވެއްޓި، 71 އަހަރުގެ ބިލިއަނަރު އީސާކް މަރުވިއިރު އޭނާއާ އެކު ހުރީ އޭނާގެ ދަރިފުޅު ޖޮނަތަން އަންޑިކް އެކަނި ކަމަށް ކަޓަލޫނިއާގެ ސަރަހައްދީ ފުލުހުން ބުނެއެވެ.
އޭއެފްޕީގެ ރިޕޯޓަރަކު ބުނި ގޮތުގައި، އުމުރުން 45 އަހަރުގެ ޖޮނަތަންގެ އަތުގައި ބިޑި އަޅުވައިގެން ފުލުހުން ވަނީ ސުވާލުކުރުމަށް، ބާސެލޯނާ ކައިރީގައިވާ މާރްޓޮރެލްގެ ކޯޓަކަށް ހާޒިރުކޮށްފައެވެ.
އާއިލާއާ ގާތް ފަރާތްތަކުން ބުނެފައިވަނީ ޖޮނަތަންގެ މައުސޫމްކަމާ މެދު ”ފުރިހަމަ“ އިތުބާރު އެބައޮތް ކަމަށާއި، އޭނާއާ ދެކޮޅަށް ހެކިބަހެއް ނުދެއްކޭނެ ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާ ވަރަކަށް އޭނާގެ ކުށެއް ނެތްކަން ސާބިތުވާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެ، ކުށް ސާބިތުވުމުގެ ކުރިން އޭނާއަކީ ކުށްވެރިއެއް ނޫން ކަމަށް ބެލުމަށް ވަނީ ގޮވާލައިފައެވެ.
އީސާކް މަރުވި ދުވަސްވަރު ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، އޭނާ ވެއްޓުނީ ކޮލްބާޓޯ ސަރަހައްދުގެ ސަލްނިޓްރޭ ހޭހާލުގެ ކައިރިން، ވަރަށް އުސް އަދި ނުރައްކާތެރި ހިސާބަކުން ކަމަށެވެ. ފުރަތަމަ ތަހުގީގަށް ބެލެވުނީ، ސްޕޭނުގެ އެންމެ މުއްސަނދި އެކަކު ކަމަށްވާ އީސާކް ކައްސާލައިގެން ހިނގި އެކްސިޑެންޓެއްގެ ގޮތުގަ އެވެ. އަދި ޖިނާއީ އެއްވެސް އަމަލެއް ހިންގާފައިވާ ކަމުގެ ހެކި ނެތުމުން، ފަނޑިޔަރު ވަނީ ޖެނުއަރީ 2025 ގައި އެ މައްސަލަ ފައިލްކޮށްފައެވެ.
ނަމަވެސް، ޖޮނަތަން އަންޑިކް ދީފައިވާ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރުމުން، ކަޓަލޫނިއާގެ ސަރަހައްދީ ފުލުހުންނާއި ޕްރޮސެކިއުޓަރުން ގުޅިގެން އޮކްޓޯބަރު 2025 ގައި މި މައްސަލަ އަލުން ވަނީ ހުޅުވައިފައެވެ.



