އިނގިރޭސިވިލާތުގެ ބާޒާރަށް އެތެރެކުރާ ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ އިމްޕޯޓް ޑިއުޓީ ނުވަތަ ޓެރިފް އެގައުމުން ސަސްޕެންޑްކޮށް، މިއަދުން ފެށިގެން އެ ނިންމުމަށް އަމަލުކުރަން ފެށުމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މަރުހަބާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިނގިރޭސިވިލާތުގެ މި ނިންމުމަކީ ދިވެހި މަސްވެރިންނަށާއި، މަސްވެރި އާއިލާތަކަށާއި، ރަށްރަށުގެ މުޖުތަމައުތަކުގެ އިތުރުން ރާއްޖޭގެ މަސް ބަންދުކުރާ ކާރުޚާނާތަކަށް ސީދާ ގޮތުން ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ދިވެހި ކަނޑުމަހަކީ ހަމައެކަނި ދުނިޔެއަށް ކާނާ ފޯރުކޮށްދޭ އެއްޗެއް ނޫންކަމަށާއި، އެއީ ތިމާވެއްޓާ ރައްޓެހި ޒިންމާދާރު ގޮތެއްގައި ބާނާ މަހެއް ކަަމަށާއި، އަދި މިއަދު މިވަނީ އެންމެ މުހިންމު އެއް މާކެޓުގައި، ދިވެހި މަސްވެރިކަން ހުޅުވިގެން ގޮސްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ބައިނަލްއަގުވާމީ މައިދާނުގައި އާ އުސްމިންތަކަކަށް ހާސިލްކޮށްދެއްވުމަށާއި، ދިވެހި މަހަށް ބޭރުގެ ބާޒާރުތަކުން ހެޔޮ އަގު ހޯދައިދިނުމަށް ރައީސް މުއިއްޒު ކުރައްވަމުންދާ މެދުކެނޑުމެއްނެތް މަސައްކަތްޕުޅަށާއި ދައްކަވާ ހަރުދަނާ ލީޑަޝިޕަށް ޚާއްސަ ޝުކުރެ އަދާކުރައްވާފައެވެ.
މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އިނގިރޭސި ސަރުކާރުގެ ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، އިގްތިސާދީ ގުޅުން ވަރުގަދަކުރުމަށް ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
”މިއީ އިނގިރޭސި ވިލާތުގެ ކަސްޓަމަރުންނަށް ލިބޭނެ ލުޔެއްގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް،“ ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން ޔޫރަޕަށް ފޮނުވާ މަހުން 20 ޕަސެންޓް ޑިއުޓީ ނަގާތީ މަސްވެރިން ޝަކުވާ ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިއީ އެކަމަށް ލިބުނު ބޮޑު ހައްލެކެވެ.
އިނގިރޭސިވިލާތުން ދިވެހި މަހުގެ ބާވަތްތަކުން ޑިއުޓީ ސަސްޕެންޑްކުރަން ކަނޑައަޅާފައިވަނީ 2028 ވަނަ އަހަރާ ހަމައަށެވެ.



