ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޠިމް އެ މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރުގެ ބަހުސްގައި، ދިފާއުގައި ވާހަކަ ދެއްކުމަށް 10 މިނެޓުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.
މިއަދު ބޭއްވި އާންމު ކޮމިޓީގެ 5 ވަނަ ބައްދަލުވުމުގައި، މި ޤަރާރުގެ ބަހުސް ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލުތައް ވަނީ ކަނޑައަޅާފައެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު ހުށަހަޅުއްވައި، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު އަލީ ތާއީދުކުރެއްވި މި ހުށަހެޅުމުގައި ވަނީ، މަޖިލީހުގެ ތަޅުމުގައި މިކަމަށް ބަހުސްކުރުމަށް ޖުމްލަ އެއް ގަޑިއިރުގެ ވަގުތެއް ދިނުމަށެވެ. މި ހުށަހެޅުން ފާސްވެފައިވަނީ ކޮމިޓީއަށް ހާޒިރުވި 7 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ ތާއީދާއެކުގައެވެ.
ކޮމިޓީން ނިންމި ގޮތުގައި، ބަހުސްގެ ވަގުތުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ވަގުތު ބަހާލާއިރު، ކޮންމެ މެންބަރަކަށް ވާހަކަ ދެއްކުމަށް ލިބޭނީ 3 މިނެޓުގެ އެއް ފުރުސަތެވެ. މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޠިމަށް ޖަވާބުދާރީވުމަށް 10 މިނެޓުގެ ވަގުތު ދިނުމަށް ހަމަޖެހިފައިވަނީ ބަހުސް ފެށުމުގެ ކުރިންނެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ނާޠިމް ވަކިކުރަން މަޖިލީހަށް ޤަރާރެއް ހުށަހަޅާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މަޖިލީހުގެ އިދާރާއިން ވިދާޅުވެފައިވަނީ، މި މައްސަލައަކީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާ މައްސަލައެއް ކަމަށެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް ހުށަހެޅުމަށްފަހު، އެ ޤަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ އެހެން އެއްވެސް ކަމަކާ ގުޅޭގޮތުން ބަހުސްކުރެވިގެން ނުވާނެއެވެ. އަދި މިފަދަ ބަހުސެއް ހިނގާ ޖަލްސާއެއްގައި ބައިވެރިވެ، އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމުގެ ޙައްޤު އެ ބޭފުޅަކަށް ލިބިގެންވީ ނަމަވެސް، އެ މައްސަލައިގައި ނަގާ ވޯޓުގައި ބައިވެރިވެވަޑައެއް ނުގަނެވޭނެއެވެ.
ނައިބު ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ރައީސެވެ. އަދި މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިވާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ޤަރާރު ފާސްވުމުން ކަމަށް މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.




