މި އަޟްހާ އީދު ބަންދާ ދިމާކޮށް، ކ. މާފުށީގައި މުޅިން އާ ލަގްޒަރީ ހޮޓަލެއް މިއަދު ހުޅުވައިފިއެވެ.
”ޓްރައިޓަން އެގްޒޯޓިކާ“ ގެ ނަން ދީފައިވާ މި ލަގްޒަރީ ހޮޓަލަކީ، ޓްރައިޓަން ގްރޫޕްގެ ފަރާތުން މާފުށީގައި ހުޅުވާފައިވާ ހަތަރު ތަރީގެ ހޮޓަލެެކެވެ.
މި ހޮޓަލު ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދީފައިވަނީ ބެންކް އޮފް ސިލޯންގެ އެގްޒެކެޓިވް ޓީމުންނެވެ. އޭގެތެރޭގައި އެ ބޭންކުގެ ޗެއާމަން ވެސް ހިމެނިވަޑައިގެންނެވިއެވެ.

މީގެއިތުރުން އެ ރަސްމިއްޔާތުގައި ޓްރައިޓަން ގްރޫޕްގެ ޗެއާމަން އަލީ މުރުތަލާ އާއި މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް މުސްތަފާގެ އިތުރުން އެ ގްރޫޕްގެ ޓީމް މެންބަރުންނާއި ޕާޓްނަރުންނާއި އެ ފަރާތްތަކުގެ އާއިލާއާއި ހެޔޮއެދޭ ފަރާތްތަށް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މާފުށީގައި އަލަށް ހުޅުވި މި ހޮޓަލުން ފަތުރުވެރިންނަަށް ޚިދުމަތް ދިނުމަށް މިހާރު ވަނީ ފަށާފައެވެ.
ޓްރައިޓަން އެގްޒޯޓިކާގެ މިއަދު ހުޅުވާފައިވަނީ ފޭސް 1 އެވެ. އެތަނުގައި 117 ކޮޓަރި އިންނާނެ ކަމަށް އެ ގްރޫޕުން މައުލޫމާތު ދީފައިވެއެވެ. ފޭސް 2 ހުޅުވުމަށް ތައްޔާރުވަމުން އަންނަނީ މި އަހަރުގެ ނޮވެމްބަރު މަހުގައެވެ. ދެވަނަ ފޭސް ހުޅުވުމާއެކު ޖުމްލަ ކޮޓަރީގެ އަދަދު 250 އަށް އަރާނެ ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

މި ހޮޓެލްގެ ދެ ފޭސްވެސް އެއްކޮށް ފުރިހަމަވެ، ހުޅުވުމާއެކު ޓްރައިޓަން އެގްޒޯޓިކާ ވެގެންދާނީ މާފުށީގައި ހުޅުވޭ އެންމެ ބޮޑު ހޮޓަލަށެވެ. އަދި މާފުއްޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެ ހޮޓަލުގައި ނުހަނު ފުރިހަމަ ޗުއްޓީއެއް ހޭދަކޮށްލެވޭނެކަމުގެ ޔަގީންކަން ޓްރައިޓަންއިން ވަނީ ދީފައެވެ.
ޓްރައިޓަން އެގްޒޯޓިކާ ހޮޓަލުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި، އިންފިނިޓީ ސްވިމިންގް ޕޫލަކާއި، ސްޕާ، ކޮންފަރެންސް ރޫމް، ރެސްޓޯރެންޓް ހިމެނެއެވެ. އަދި ކުރިއަށްއޮތްތަނުގައި އެ ހޮޓަލުންދޭ ޚިދުމަތްތަށް އިތުރުވެގެންދާނެ ކަމުގައި މެނޭޖްމަންޓުން ބުނެފައިވެއެވެ.

މީގެއިތުރުން ފަތުރުވެރިންނަށް މޫދު ކުޅިވަރުތަކާއި، އެކްސްކާޝަން އަދި މާލެއަށް ދަތުރުކުރުމުގެ ހިދުމަތްވެސް މި ހޮޓަލުން ލިބޭނެކަމަށް ބުނެފައިވެއެވެ.
ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް ޗުއްޓީ ހޭދަކުރުމަށް ޓްރައިޓަން އެގްޒޯޓިކާއިން މިހާރު ވަނީ އީދު ޕެކޭޖްތަކެއް ވެސް ތައާރަފްކޮށްފައެވެ.

ބުކިން ހަދާލުމަށް 7901240 ނަންބަރު ފޯނަށް ގުޅާލުމަށް ޓްރައިޓަން އިން ބުނެފައިވެއެވެ.



