މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ތަރައްޤީގެ މަޝްރޫޢުތަކަށް ކޮންމެވެސް ވަރެއްގެ ލަސްކަމެއް އައި ނަމަވެސް، މިހާރު އެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އުމްރާނީ ތަރައްޤީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. މީގެ ތެރޭގައި ރަށްރަށުގެ ބަނދަރު ހެދުމާއި، މަގު ހެދުމާއި، އެއަރޕޯޓްތައް ތަރައްޤީކުރުމުގެ އިތުރުން ބިން ހިއްކުމުގެ ބިޔަ މަޝްރޫޢުތައް ހިމެނެއެވެ. ޚާއްޞަކޮށް ބިން ހިއްކުމުގެ ދާއިރާއިން 21 ރަށަކުން 1100 އަށްވުރެ ގިނަ ހެކްޓަރުގެ ބިން މިހާތަނަށް ހިއްކާފައިވާ ކަމަށާއި، އޭގެ ތެރެއިން 500 ހެކްޓަރަކީ ރަސްމާލެ މަޝްރޫޢުގެ ދަށުން ހިއްކާފައިވާ ބިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެން އާބަން ޑިވެލޮޕްމަންޓް ޕްލޭން ފަރުމާ ކުރަނީ ސަރަޙައްދީ ތަރައްޤީގެ ގޮތުގައި. މިސާލަކަށް އެއަރޕޯޓްތައް ތަރައްޤީކުރާ ތަންތަނަކީ އޭގެ ސަބަބުން ޕޮޕިއުލޭޝަން ކޮންސަލިޑޭޝަނަށްވެސް ފައިދާވާނެ ތަންތަން،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫޢުތައްވެސް ހުއްޓުމެއްނެތި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމާއި، ބޭނުންވާ މެޓީރިއަލްސް ގެނައުމުގައި ދަތިތަކެއް ހުރި ނަމަވެސް، އެކަންކަން ސަރުކާރުން މެނޭޖްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އޮފީހުން ކޮންމެ ދުވަހަކުވެސް ވުޒާރާތަކާ ގުޅިގެން މަޝްރޫޢުތައް ހިނގާ ގޮތް މޮނިޓަރ ކުރަމުންދާ ކަމަށާއި، ދައުލަތުގެ ދަރަނި ދައްކަމުންވެސް ތަރައްޤީގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން އިސްކަންދޭންޖެހޭ ދާއިރާތަކަށް ބަދަލު އައި ނަމަވެސް، ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް އޮތީ ބޯހިޔާވަހިކަމާއި ޞިއްޙީ ދާއިރާއަށް ކަމަށެވެ. އަދި މިހާރު ހުރި ގޮންޖެހުންތަކާއެކުވެސް، ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިއަހަރުގެ ބާކީ އޮތް ހަމަސް ދުވަހުގެ ތެރޭގައި ތަރައްޤީގެ މަސައްކަތްތަކުން ފެންނަ ނަތީޖާ އިތުރަށް ރަނގަޅުވާނެ ކަމަށާއި، އަމާޒަކީ ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް މެދުނުކެނޑި، ތަރައްޤީގެ އާ އުސްމިންތަކަކަށް ރާއްޖެ ގެންގޮސްދިނުން ކަމަށެވެ.



