ކުރީގެ ސަރުކާރުތަކުގައި ސިޔާސީ މަސައްކަތް ކުރުމުގައި ބިރުވެރިކަމެއް އޮތް ނަމަވެސް، މިއަދު ރާއްޖޭގައި އެފަދަ ބިރުވެރިކަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕީއެސްއެމުން ގެނެސްދިން ”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ކުރީ ސަރުކާރުތަކުން ސިޔާސީ ގޮތުން މީހުން ޖަލަށްލުން އާންމުކަމަކަށް ހަދާފައި އޮތް ނަމަވެސް، އެމަނިކުފާނު ބޭނުންފުޅުވީ އެކަން ނިމުމަކަށް ގެނެސް، ޤައުމުގައި ސިޔާސީ ހަމަޖެހުން ގާއިމުކުރުމަށް ކަމަށެވެ. އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، މިއަދު ސިޔާސީ އެއްވެސް މީހަކު ޖަލަށްލާފައި ނުވާނެ ކަމަށާއި، ކޮންމެ މީހަކަށްވެސް ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
”އެންމެންނަށްވެސް އޮންނަ މިނިވަންކަމެއް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ. އެ މިނިވަންކަން ބޭނުންކުރަންވީ ހަމަ އޭގެ އެންމެ ފުޅާމިނުގައި. އެކަމަކު ކޮންމެ މީހަކަށްވެސް އޮތް ހުދޫދު އެންމެނަށްވެސް އެޕްލައިވާނެ،“ ރައީސް ވިދާޅުވިއެވެ.
އަދި އިސްލާމީ އުސޫލުތަކާއި އެހެން މީހުންގެ އަބުރަށް އިހުތިރާމްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިޔާސީ ހަރަކާތްތައް ހިންގަންވާނީ ދީނީ އިމުގެ ތެރެއިންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ޤާނޫނުއަސާސީ ތަންފީޒުކުރުމުގައި އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށެވެ. އެހެން މީހުންގެ ހައްގުތަކަށް އަރައިގަތުމަކީ އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނުއަސާސީވެސް ހުއްދަކުރާ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުގެ ދައުރާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ މަސައްކަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އިތުރުން، ޤައުމަށް ފައިދާހުރި ކަންކަމުގައި ސަރުކާރަށް ތާއީދުކުރުން ކަމަށެވެ. ނަމަވެސް މިއަދު އެފަދަ ޒިންމާދާރު އިދިކޮޅު ހަރަކާތެއް ނުފެންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ޑިމޮކްރަސީ ފައްކާކުރުމަށްޓަކައި ބަދަލުހިފުމުގެ ރޫހު ދޫކޮށްލުމަށް ގޮވާލައްވަމުންނެވެ. އަދި އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށްގެން ކުރިއަށްދިއުމަށް ސިޔާސީ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.



