ސްރީލަންކާއަށް ދިއުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހުށަހަޅަންޖެހޭ ގޮތަށް އެ ގައުމުގެ ސަރުކާރުން އަލުން ހަމަޖައްސައިފިއެވެ.
ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައި ކޮމިޝަނުން ނެރުނު ނޯޓިސްއެއްގައި ބުނެފައިވަނީ، ޓޫރިޒަމްގެ ބޭނުމަށް ލަންކާއަށް ދާ މީހުން މި މަހުގެ 25 ވާ އާދީއްތަ ދުވަހުން ފެށިގެން އީޓީއޭ ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް އޮތް އޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަގުތީގޮތުން އުވާލި ނަމަވެސް، މިހާރު މިވަނީ އަލުން އެ އުސޫލަށް އަމަލުކުރަން ނިންމާފައެވެ.
ލަންކާ ހައި ކޮމިޝަނުން ވިދާޅުވީ ޓޫރިޒަމްގެ ބޭނުމަށް އެ ގައުމަށްދާ ކޮންމެ ގައުމެއްގެ މީހަކު ވެސް ދަތުރުކުރުމުގެ ކުރިން އީޓީއޭ ހުށަހަޅަންޖެހޭނެ ކަމަށެވެ. މި ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ eta.gov.lk ވެބްސައިޓް މެދުވެރިކޮށް، ދަތުރު ފެށުމުގެ މަދުވެގެން 24 ގަޑިއިރު ކުރިންނެވެ.
ދިވެހިންނަށް ލިބޭ ލުއިތަކާ ގުޅޭގޮތުން ހައި ކޮމިޝަނުން ބުނީ، ދިވެހި ރައްޔިތުންނަށް ކުރިން ވެސް އޮންނަ ގޮތަށް އެއްވެސް އިތުރު ފީއަކާ ނުލައި 90 ދުވަހުގެ ޓޫރިސްޓު ވިސާ ލިބޭނެ ކަމަށެވެ. މީގެ އިތުރުން، ލަންކާގެ އިމިގްރޭޝަން ގާނޫނުގެ ދަށުން ރާއްޖެ ހިމެނޭހެން 40 ގައުމެއްގެ ރައްޔިތުންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ހިލޭ ވިސާ ދޫކުރާގޮތަށް މި މަހުގެ 7 ވަނަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ލަންކާ ސަރުކާރުން ނިންމާފައިވާ މި ނިންމުމުގެ ދަށުން، ޝަރުތު ހަމަވާ ދަތުރުވެރިންނަށް 30 ދުވަހުގެ ހިލޭ ވިސާ ލިބޭނެއެވެ. ނަމަވެސް، މިއީ ގައުމަށް އެތެރެވުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއާތްތަކުން އިސްތިސްނާވާނެ ކަމެއް ނޫން ކަމަށާއި، ދަތުރުކުރުމުގެ ކުރިން އީޓީއޭ ހޯދަން ޖެހޭނެ ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މި އައު އުސޫލުގެ ދަށުން ހިލޭކޮށްދީފައިވަނީ ހަމައެކަނި އީޓީއޭ ވިސާގެ ފީއެވެ.
މިހާތަނަށް ލަންކާއިން ހިލޭ ވިސާގެ ފުރުސަތު ދީފައިވަނީ ޗައިނާ، އިންޑިއާ، އިންޑޮނޭޝިއާ، ޖަޕާން، މެލޭޝިއާ، ރަޝިއާ އަދި ތައިލެންޑަށެވެ.
ނަމަވެސް އައު ގަވާއިދާއެކު މި ފުރުސަތު 40 ގައުމަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.



