މި ސަރުކާރުގެ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ގޭންގު ކުށްތަކާ ގުޅިގެން އެއްވެސް މީހަކު މަރުވެފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕީއެސްއެމުން ގެނެސްދިން ”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި އެތެރެކުރުމާއި، އެތަކެތި ނައްތާލުމާއި އަދި ބޭނުންކުރާ މިންވަރު މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކަށް ޤާނޫނުގެ ތެރެއިން މަރުގެ އަދަބު (ޑެތް ޕެނަލްޓީ) ކަނޑައަޅައި، ވަރަށް ހަރުކަށި އަދަބުތަކާއި އެހެނިހެން ފިޔަވަޅުތައް މިހާރު ކަނޑައަޅާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގޭންގުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގޭންގުތައް ކަނޑައެޅުމަށްޓަކައި މިހާރު ޖިނާއީ އިޖުރާއަތްތައް ކަނޑައެޅިފައިވާ ކަމަށެވެ. އަދި ކޯޓު މެދުވެރިކޮށް ގޭންގުތައް ކަނޑައެޅޭނެ އުސޫލުތަކާއި ގޭންގުތަކާ ގުޅޭ އެކިއެކި ކަންކަން ތަންފީޒު ކުރުމުގައި ޤާނޫނީ ގޮތުން ގިނަ ކަންތައްތަކެއް ހަމަޖެހި، އެކަންކަން މިހާރު އެންފޯސް ކުރަން ފެށިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އެކަމުގެ ސަބަބުން ގޭންގް ރިލޭޓަޑް ޑެތްސްގައި މިއަދާއި ހަމައަށް އެއްވެސް މީހަކު ނެތް މި ދުނިޔެ ދޫކޮށްފައޭ. އެހެންވީމާ، ވަރަށްގިނަ މަސައްކަތް އެބަ ކުރެވޭ. ހަމަ ޙަޤީޤީ ރިޒަލްޓްސް މީގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރެއިން ރަނގަޅު ނަތީޖާ ނެރެވޭ،“ ރައީސް ވިދާޅުވިއެވެ.
ރައީސްއިތުރަށް ވިދާޅުވީ މި މަސައްކަތްތައް ސަރުކާރުން މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށާއި، މިކަމުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން މުޖުތަމައުގެ ތެރެއިން ހަގީގީ ރަނގަޅު ނަތީޖާތަކެއް ފެންނަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



