ސިޓީތަކުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރައަކީ 20،000 ރުފިޔާ ކަމަށް މިއަދު ކަނޑައަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މީގެ އިތުރުން ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނަށް މަހަކު 15،000 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
މިއީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންގެ މުސާރަ މުރާޖައާކުރަން އެދި ޕޭ ކޮމިޝަނަށް އެންމެ ފުރަތަމަ ހުށަހެޅި އަދަދުތަކެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިއީ މި މުސާރަތަކާ މެދު ނިންމި ”ފައިނަލް”ނިންމުމެވެ.
ފާއިތުވި ދެ ދުވަސް ތެރޭގައި މިއީ މި މުސާރައިގެ އޮނިގަނޑު މުރާޖައާ ކުރި ތިންވަނަ ފަހަރެވެ.
އަލަށް ކަނޑައެޅި އޮނިގަނޑުގެ ދަށުން ސިޓީތަކުގެ އަންހެނުންގެ ކޮމިޓީގެ ރައީސުންނަށް އަސާސީ މުސާރަ އާއި ލިވިން އެލަވަންސާ އެކު ޖުމްލަ 20،000 ރުފިޔާ ލިބޭނެއެވެ. ނައިބު ރައީސުންނަށް 7،000 ރުފިޔާ އަދި މެމްބަރުންނަށް 6،000 ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކަށް ބަލާއިރު، ރައީސުންނަށް 15،000 ރުފިޔާ، ނައިބު ރައީސުންނަށް 6،000 ރުފިޔާ އަދި މެމްބަރުންނަށް 5،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ކޮމިޓީތަކުގެ ނައިބު ރައީސުންނާއި މެމްބަރުންނަށް ޖުމްލަ މުސާރަ ދިނުމުގައި ބައިވެރިވާ ބައްދަލުވުންތަކުގެ އަދަދަށް ބަލާނެއެވެ. އެގޮތުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ ސީޓިން އެލަވަންސެއް ލިބޭއިރު، މިއީ މަހަކު އެންމެ ގިނަވެގެން 2،000 ރުފިޔާއެވެ.
ސަރުކާރުން އެންމެ ފުރަތަމަ ނިންމީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް 41،500 ރުފިޔާ ދިނުމަށެވެ. ނަމަވެސް ފަހުން އެ އަދަދު 33،000 ރުފިޔާ އަށް ކުޑަކުރުމަށްފަހު، މިހާރު ވަނީ 20،000 ރުފިޔާ އަށް ދަށްކޮށްފައެވެ.




