ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ރިކަވަރީ އޮޕަރޭޝަނުގެ ކަނޑު އަޑީގެ ހުރިހާ މަސައްކަތްތަކެއް ނިންމާލާފައިވާކަން ޑައިވާޒް އެލާޓް ނެޓްވާކް- ޔޫރަޕް (ޑޭން) އިން ރޭ ބުނެފިއެވެ.
މި އޮޕަރޭޝަނަކީ އެ ޖަމިއްޔާގެ އިރުޝާދުގެ ދަށުން ފިންލޭންޑްގެ މާހިރުންގެ ޓީމާއި، އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޑައިވިން ޔުނިޓްތަކުގެ އިތުރުން މާލޭގައި ހުންނަ އިޓަލީގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.
އިއްޔެ ކުރިއަށްގެންދިޔަ އެންމެ ފަހު ޑައިވްގެ ވަގުތު މޫސުން ގޯސްވެ، ވައި ބާރުވުމާއި އޮއިގަދަވުމުގެ ސަބަބުން މަސައްކަތް ފެށުން ގަޑިއެއްހާއިރު ލަސްވި ނަމަވެސް، ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވި މި ޑައިވްގައި ހޮހަޅައިގެ ތެރޭގައި 50 މިނެޓުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ. މި ޑައިވްގެ މައިގަނޑު ބޭނުމަކީ ހޮހޮޅައިގެ ތެރޭގައި ހަރުކޮށްފައި ހުރި ގައިޑް ލައިންތަކާއި، އޮޕަރޭޝަނުގައި ބޭނުންކުރި ސާމާނު ނަގައި، ހޮހޮޅައިގެ ތެރެ ކުރިން އޮތް ހާލަތަށް ރުޖޫއަކުރުމެވެ.
މި ހާދިސާގައި މަރުވެފައިވަނީ އިޓަލީގެ ޖެނޯއާ ޔުނިވަސިޓީއަށް ނިސްބަތްވާ ފަސް މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން(51އ) އާއި، އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމާކަލް(20އ) އާއި، ދިރާސާވެރިން ކަމަށްވާ މިއުރިއަލް އޮޑެނީނޯ (31އ) އާއި ފެޑެރިކޯ ގުއަލްޓިއޭރީ(31އ) ގެ އިތުރުން ޑައިވިން އިންސްޓްރަކްޓަރު ގިއަންލޫކާ ބެނެޑެޓީ (41އ) އެވެ.
މި މީހުންގެ ހަށިތައް ނެގުމަށް ހިންގި ނުރައްކާތެރި ރިކަވަރީ އޮޕަރޭޝަނުގެ ތެރޭގައި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ.
ޑޭން ޔޫރަޕުން ބުނި ގޮތުގައި ތަޙުޤީޤާ ގުޅުން ހުރި މުހިންމު ތަކެތި މިހާރު ވަނީ ކަނޑުއަޑިން ނަގައި ދިވެހި ފުލުހުންނާ ހަވާލުކޮށްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް އިޓަލީ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން މިހާރު ދަނީ ތަހުގީގެއް ހިންގަމުންނެވެ.




