ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް އަންނަ ޖޫން މަހުގެ 8 ވަނަ ދުވަސް ވާ ހޮނިހިރު އޮންނަ ”ކަނޑު ރޯދި އުފާ“ ފެސްޓިވަލުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އިން ބުނީ މި ފެސްޓިވަލުގެ މައިގަނޑު ބޭނުމަކީ އުފާވެރި މާހައުލަކުން ކުޑަކުދިންނާއި ޒުވާނުންނަށް ކަނޑާ ގުޅުންހުރި މައުލޫމާތު ދިނުމާއި، ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމުގައެވެ.
ފެސްޓިވަލުގައި ބައިވެރިވުމަށް ބޭނުންވާ މުއައްސަސާތަކާއި، ކްލަބް ޖަމިއްޔާ ތަކާއި އަމިއްލަ ފަރުދުން 30 މޭ ގެ ކުރިން އެ ފިޝަރީޒް މިނިސްޓްރީ އިން ފޯރުކޮށްދީފައިވާ ގޫގުލް ފޯމް ފުރުމަށް އެ މިނިސްޓްރީ އިން ވަނީ އެދިފައެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 7614000 އާއި ގުޅުމުން ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ވަނީ މައުލޫމާތުދީފައެވެ.
ކަނޑު ތަކުގެ ދުވަސް ފާހަގަ ކުރުމަށް ޤައުމީ ފެންވަރުގައި ގިނަ ހަރަކާތްތަކެއް ރޭވުމަށް ފިޝަރީޒް މިނިސްޓްރީއިން ވަނީ ނިންމާފައެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މޫދުގެ ހަރަކާތްތަކެއް ހިންގުމަށް ރަށު ކައުންސިލްތަކާއި އެކު މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ.
މީގެ އިތުރުންވެސް ކުޑަކުދިންނަށް ހާއްސަކޮށް ޑައިވް ހަރަކާތެއް ހިންގުމާއި، މާލެ ސަރަހައްދުގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުން ފަދަ ހަރަކާތްތައްވެސް ފިޝަރީޒް މިނިސްޓްރީ އިން ވަނީ ރާވާފައެވެ.



