މާލެއާއި ހުޅުމާލެއިން މިއަދު ކަރަންޓު ކެނޑުނު މައްސަލަ މިހާރު ހައްލުކޮށް، މާލެއާއި ހުޅުމާލެއަށްވެސް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މާލެއާއި ހުޅުމާލެ ހިމެނޭހެން މި ސަރަހައްދުން ކަރަންޓު ކެނޑުނީ، މިއަދު 12:00ހާއިރެވެ. އެ މައްސަލަ ދިމާވީ، މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ހުޅުމާލޭގެ 50 މެގަވޯޓްގެ އިންޖީނުގެ ގޭގެ އަޕްގްރޭޑަށް ފަހު ކަމުގައިވެސް ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓު ކެނޑުނުތާ ގަޑިއިރެއްހާއިރު ފަހުން ސްޓެލްކޯއިން ވަނީ، ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޫކުރުމުގެ މަސައްކަތް ފަށާފައެވެ.
މި ކަމާ ގުޅިގެން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ސްޓެލްކޯއިން ބުނީ، މި ސަރަހައްދުން ކަރަންޓު ކެނޑުނީ، ހުޅުމާލޭގެ އިންޖީނު ގޭގެ އަބްގްރޭޑަށް ފަހު ދިމާވި މައްސަލައަކާ ގުޅިގެން ޖަނަރޭޓަރުތައް ހުއްޓުމުން ކަމަށެވެ.
ސްޓެލްކޯއިން ދާދިދެންމެއަކު ބުނީ މާލެއާއި ހުޅުމާލެއަށް ވެސް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ.
ސްޓެލްކޯއިން ރޭގައި ވަނީ، ހުޅުމާލޭގެ އިންޖީނު ގޭގެ އަޕްގްރޭޑިން މަސައްކަތް ކޮށްފައެވެ. އެ މަސައްކަތް ކުރީ، ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ކަމަށް އެކުންފުނިން ބުނެއެވެ.
ނަމަވެސް، މިއަދު ކުއްލިއަކަށް ކަރަންޓު ކެނޑިފައިވާތީ، އެ ކުންފުންޏަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.



