ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ހަތަރު ޑައިވަރުންގެ ހަށިތައް އެ ގައުމަށް ފޮނުވާލައިފިއެވެ.
މި ހާދިސާގައި ޖުމްލަ ފަސް މީހަކު މަރުވެފައިވާއިރު، މީގެ ކުރިން ވަނީ އެކެއްގެ ހަށިގަނޑު އިޓަލީއަށް ފޮނުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެ ހަތަރު މީހުންގެ ހަށިތައް މިހާރު އިޓަލީއަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި އިޓަލީގައި އެ މީހުންގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭގެ ރިޕޯޓް ރާއްޖޭގެ ތަހުގީގު ޓީމާ ހިއްސާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓުލިބުނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ.
އޭގެ ތެރެއިން އެކަކު 60 މީޓަރު އަޑިން ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު އެވެ.
މި ހާދިސާގައި ހަށިތައް ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންދަނިކޮށް، ދިވެހި ސިފައިންގެ ޑައިވަރެއް ކަމަށްވާ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ ނިޔާވެފަ އެވެ. މަހުދީ ނިޔާވުމާ ގުޅިގެން މެދުކަނޑާލި އޮޕަރޭޝަން އަލުން ފެށީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައި ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނާ އެކުގަ އެވެ. އެ ޓީމުން ކުރި މަސައްކަތުން ދެ ދުވަސް މަތިން ބާކީ ތިބި ހަތަރު މީހުންގެ ހަށިތައް ވަނީ ނަގާފަ އެވެ.
މި ހާދިސާއާ ގުޅިގެން ރެސްކިއު ޓީމުން ވަނީ ވ. އަތޮޅު ދެކުނު ކަނޑުގެ އެ ހޮހަޅައަކީ އާދައިގެ ޑައިވަރުންނަށް ނުރައްކާތެރި ތަނެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެހެންކަމުން، އެކަށީގެންވާ ތަމުރީނާއި ހާއްސަ އާލާތްތަކާ ނުލައި އެއްވެސް ބަޔަކު އެތަނަށް ނުވަނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ހާދިސާގެ ތަހުގީގު ދެ ގައުމުން ވެސް ވަކިވަކިން ދަނީ ކުރިއަށް ގެންދަމުންނެވެ.




