ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ފެތުރެމުންދާ އެބޯލާއާއި ހަންޓާ ވައިރަސް ރާއްޖެ އައުމުގެ ފުރުސަތު ކުޑަ ނަމަވެސް، އެ ބަލިތައް ފެތުރޭ ސަރަހައްދުތަކުން ރާއްޖެ އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، މި ބަލިތައް ރާއްޖެ އައުމުގެ ފުރުސަތު ކުޑަ ނަމަވެސް ދުނިޔޭގައި ފެތުރެމުންދާ މިފަދަ ބަލިމަޑުކަމުގެ ކާރިސާތަކާ ގުޅިގެން މީގެ ކުރިންވެސް ރާއްޖެއިން ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް ކަމާބެހޭ އިދާރާތަކުން ތިބީ ވަރަށް ބޮޑަށް ސަމާލުވެގެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
”ފުރުސަތު ކުޑަ އެކަމަކު ހަމަ އެލާޓުގައި އެބަ މަސައްކަތް ކުރައްވާ. ދެ ބަލިމަޑުކަމަށް ވެސް ނަޒަރު ހިންގަވައިގެން ރާއްޖެ އެތެރެވާ މީހުން، ހާއްސަކޮށް އެއާޕޯޓަށް އަންނަ މީހުން ސްކްރީންކުރަމުން ދަނީ،“ތަރުޖަމާނު ވިދާޅުވި އެވެ.
ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރި ކްރޫޒް ލައިނާ އަކުން ފެނުނު ހަންޓާ ވައިރަސް އާއި ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅާފައެވެ. މި ބަލިތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ބުނެފަ އެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއަށް މި ދެ ބަލިމަޑުކަން ވެސް އެތެރެވުމުގެ ފުރުސަތު އޮތީ ވަރަށް ކުޑަ މިންވަރަކަށެވެ. ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަލިތައް ފެތުރެމުންދާ ސަރަހައްދުތަކަށް ދަތުރުނުކުރުމަށް އެ އެޖެންސީން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.



