ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލްއާ ހަވާލާދެއްވައި ތަރުޖަމާނު ވިދާޅުވީ، ހައްޖާޖީންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
”ބަލި ހާލަތުގެ ގޮތުން ހޮސްޕިޓަލެއްގައި ބާއްވާ އެކަހަލަ ކަމެއް ނެތޭ ވިދާޅުވި. އެކަމަކު ކޮންމެ އަހަރެއްގެ ހައްޖު މޫސުމާ ދިމާކޮށް ރޯގާ ފެތުރޭތީ އެ ރޯގާގެ އަސަރު ބައެއް ހައްޖުވެރިންގެ ކިބައިން ފެނެއޭ. ނަމަވެސް ޖުމްލަކޮށް ހުރިހާ ބޭފުޅުން ހެޔޮ ހާލުގައި އޭ ތިއްބެވީ،“ތަރުޖަމާނު ވިދާޅުވިއެވެ.
މިއަހަރު ވެސް ދިވެހިރާއްޖެއަށް ލިބިފައިވަނީ 1،000 ޙައްޖު ކޯޓާ އެވެ. މި ހުރިހާ ކޯޓާއެއްގެ ދަށުން ޙައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ސަރުކާރުގެ ކުންފުނި ކަމަށްވާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންނެވެ.
މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ. މީގެ ސަބަބުން ދިވެހިރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ އެންމެހާ ކަންކަމެއް ނިންމުމަށްފަހު، ސައުދީއަށް އެތެރެވުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ހައްޖާޖީންނަށް ވަނީ ލިބިފައެވެ.
ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ފޯރުކޮށްދިނުމަށާއި، އެބޭފުޅުންގެ ސިއްހީ ކަންކަމާއި އެހެނިހެން ބޭނުންތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



